ޖަރުމަންގެ ބަޔާން މިއުނިކާ، ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ހަވާލުވާ ފުރަތަމަ އަހަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދޭނެ ކަމަށް އާޖެންޓީނާ ގައުމީ ޓީމްގެ ކުރީގެ ކޯޗް ޑިއެގޯ މަރަޑޯނާ ބުނެފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އަދިވެސް ދެކެމުންދަނީ މެރަޑޯނާ ކަމަށެވެ. ނަމަވެސް މޮޅު ކުޅުންތެރިއެއް ކަމުގައި މަރަޑޯނާ ބެލެވުނު ކަމުގައި ވިޔަސް އޭނާގެ ކޯޗިން ކެރިޔަރު ކާމިޔާބެކޭ ބުނެވޭކަށް ނެތެވެ. ކޯޗެއްގެ ގޮތުގައި ގާޑިއޯލާ އަކީ މޮޅު ކޯޗެއް ކަމުގައި މަރަޑޯނާ ގަބޫލުކުރެއެވެ.

"ބަޔާން އާއި ގާޑިއޯލާ ހަވާލުވާ ފުރަތަމަ އަހަރު ވެސް އޭނާ އަށް އެކްލަބަށް ޓްރޮފީތަކެއް ހޯދައިދެވޭނެ. ގާޑިއޯލާ ކޮންމެ ކްލަބެއްގެ ހުއްޓަސް އޭނާއަކީ ހަމަ އެއްވަނަ. ބަޔާން އަކީ ނަސީބުގަދަ ޓީމެއް. ގާޑިއޯލާއާ އެކު ބަޔާންގެ ކުޅުން އިތުރަށް ވަރުގަދަވެގެންދާނެ." މަރަޑޯނާ ބުންޏެވެ.

ބަޔާން އަކީ މިހާރު ވެސް މޮޅު ކްލަބެއް ކަމަށާއި މިސީޒަންގައި އެކްލަބުން ދައްކަމުންދާ މޮޅު ކުޅުމަށް މަރަޑޯނާ އަލިއަޅުވާލާފައި ވެއެވެ. "ބަޔާން އިން މިސީޒަންގައި އެދަނީ މޮޅު ކުޅުމެއް ދައްކަމުން. ޖަރުމަންގައި އޮތް އެންމެ މޮޅު ކްލަބަކީ ބަޔާން. ބަޔާން އަށް މިސީޒަންގައި ވެސް ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އަހަރެން އުންމީދުކުރަން." މަރަޑޯނާ ބުންޏެވެ.

ބާސާއަށް ކޯޗުކަން ކޮށްދިނުމަށްފަހު، އެއް އަހަރުދުވަހު ގާޑިއޯލާ ހުންނާނީ އެއްވެސް ޓީމަކާއި ހަވާލު ނުވެއެވެ. މިދިޔަ ޖެނުއަރީ މަހު ބަޔާން އާއި އެކު ކޯޗު ގާޑިއޯލާ ސޮއިކުރީ އަންނަ ސީޒަނުން ފެށިގެން އެކުލަބާ ހަވާލުވާ ގޮތަށެވެ. ބަޔާންއަށް ސޮއިކުރުމުގެ ކުރިން ބޮޑެތި ގިނަ ކްލަބުތަކަކުން ގާޑިއޯލާއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.