07 Mar 2013, 11:07
މިވަގުތު އެންމެ ރަނގަޅީ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ބާސެލޯނާއާ ނުގުޅުން ކަމުގައި ބްރެޒިލް ގައުމީ ޓީމުގެ ކޯޗް ލުއިޒް ފެލިޕޭ ސްކޮލާރީ ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް ނޭމާ ހޯދުމަށް ބޮޑެތި ގިނަ ކްލަބުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބާސާގެ އިތުރުން، ވާދަވެރި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކުން ވެސް ނޭމާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.
ދެވަނަ ފަހަރަކަށް ބްރެޒިލް ގައުމީ ޓީމާ ގުޅުނު ކޯޗު ސްކޮލާރީ ދެކޭގޮތުގައި ނޭމާއަށް މިވަގުތު ހުރުން އެންމެ ރަނގަޅީ ބްރެޒިލްގެ ސަންތޯސްގައި ކަމަށެވެ. މިހާރު ބާސާއާ ގުޅިއްޖެނަމަ، ބްރެޒިލް ގައުމީ ޓީމަށް ކޮށްފާނެ އަސަރަކާ މެދު ސްކޮލާރީ ކަންބޮޑުވެއެވެ.
"ބާސާއާ ގުޅޭނަމަ، މީގެ ދެ އަހަރު ކުރިން އެކަން ކުރި ނަމަ ރަނގަޅު. ނަމަވެސް މިވަގުތު ރަނގަޅުވާނީ ނޭމާ ސަންތޯސްގައި މަޑުކުރުން. މިހާރު ބާސާ އަށް ގޮސް ނޭމާ ޓީމަށް ހޭނިދާނެބާ؟ އޭނާގެ ކުޅުން ދެއްކިދާނެބާ؟ އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިދާނެބާ؟ މިއީ އުފެދޭ ސުވާލުތަކެއް." ސްކޮލާރީ ބުންޏެވެ.
އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން ބާސާއާ، ނޭމާ ގުޅިއްޖެނަމަ، ބްރެޒިލް ގައުމީ ޓީމަށް އަސަރުކޮށްފާނެ ކަމަށް ސްކޮލާރީ ބުނެފައި ވެއެވެ. "2014 ގެ ވޯލްޑް ކަޕަށް އަދި ބްރެޒިލް އެންމެ ރަނގަޅުވާނީ މިވަގުތު ނޭމާ ބާސާއާ ނުގުޅުނިއްޔާ." ސްކޮލާރީ ބުންޏެވެ.
މިމަހުގެ މެދުތެރޭގައި އިޓަލީ އާއި ރަޝިއާ އާއި ދެކޮޅަށް ބްރެޒިލް ކުޅޭ މެޗްގެ ސްކޮޑުގައި ނޭމާގެ ނަން ސްކޮލާރީ ހިމަނާފައި ވެއެވެ. ނޭމާގެ އިތުރުން އެސްކޮޑުގައި ކަކާ އާއި ޑަންޓޭ އާއި ޑެނީ އަލްވޭސް އަދި ލޫކަސް މޯރާގެ ނަން ވެސް ހިމަނާފައި ވެއެވެ.