07 Mar 2013, 10:46
ހދ. ނޮޅިވަރަމް އިންޖީނުގޭގެ ސެކިއުރިޓީ ބަލަހައްޓާން ހުރި މީހާއަށް ބިރުދެއްކުމަށް ފަހު އެތަނުގެ ތިޖޫރީގައި ހުރި ފައިސާތައް ބަޔަކު ފޭރިގެންފި އެވެ.
ނޮޅިވަރަމް ކައުންސިލް މެންބަރު ޔޫސުފް މޫސާ ވިދާޅުވީ ރޭ މެންދަމު 3:30 ހާއިރު މޫނު ނިވާކޮށްގެންތިބި ހަތަރު މީހަކު އިންޖީނުގެއަށް ގޮސް އެތަނުގެ ސެކިއުރިޓީ ބަލަހައްޓާން ހުރި މީހާގެ އަނގަމަތީ ޓޭޕްއަޅައި އޭނާގެ ދެފައި ބަނދެ ވަޅިން ބިރުދެއްދެއްކުމަށް ފަހު އެތަނުގެ ތިޖޫރީގައި ހުރި ފައިސާތައް ފޭރިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ މެންދަމު 3:30 ހާއިރު ނޮޅިވަރަމް އިންޖީނުގެއަށް ގޮސް އެތަނުގެ ސެކިއުރިޓީ ބަލަހައްޓާން ހުރި މީހާއާ މެދު މާރާމާރީ ހިންގައި އެތާނގެ ތިޖޫރިން 26،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.