ޔޫރޮޕާ ލީގުގެ ތިންވަނަ ބުރުގައި އިޓަލީގެ އިންޓަމިލާނުން މިރޭ ނުކުންނާނީ ޓޮޓެންހަމް އާއި ދެކޮޅަށް ކަމަށާއި އެޓީމްގެ ގެރަތް ބޭލްއާ ދެކޮޅަށް ނޫން ކަމަށް އިންޓަގެ ކޯޗް އަންދްރޭ ސްޓްރަމަސިއޯނީ ބުނެފި އެވެ.

ޗެންޕިއަންސް ލީގުގައި 2010 ވަނަ އަހަރު މިދެޓީމް ވައިޓް ހާޓް ލޭންގައި ބައްދަލުކުރި މެޗުގައި ބޭލްގެ ފަރާތުން ހެޓްރިކެއް ފެނުނު ނަމަވެސް އިންޓަގެ ސެން ސީރޯގައި ބައްދަލުކުރި މެޗު 4-3 ލަނޑުން ކާމިޔާބުކުރީ އިންޓަ އެވެ.

އިންޓައިން މިރޭ ޓޮޓެންހަމް އާއި ދެކޮޅަށް ނުކުންނައިރު، އެޓީމުން އިސްކަންދޭން ޖެހެނީ ހަމައެކަނި ބޭލްއަށް ނޫންކަމަށް ކޯޗް ސްޓްރަމަސިއޯނީ ބުނެފައި ވެއެވެ.

"ޓޮޓެންހަމް އަކީ ހަމައެކަނި ފިޒިކަލީ ގޮތުން ވަރުގަދަ ޓީމެއް ނޫން. ފެންވަރުގެ ގޮތުން ބެލިޔަސް އެޓީމަކީ ވަރުގަދަ ޓީމެއް. ޓޮޓެންހަމްގެ ކޯޗް އަންދްރޭ ވިޔަސް ބޮއަސް އަށް ހޯސޭ މޮރީނިއޯ ފަދަ ދުނިޔޭގެ މޮޅު ކޯޗެއް ކައިރީގައި މަސައްކަތް ކުރަން ކުރިން ލިބުނު. ބޭލް އަކީ މިހާރު ޔޫރަޕްގެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އެޓީމުގައި ބޭލް ނޫނަސް މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި،" ސްޓްރަމަސިއޯނީ ބުންޏެވެ.

އިންޓައަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވާ ކަމަށާއި މިރޭގެ މެޗަށް ނެރޭނީ ސަތޭކަ ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށް ސްޓްރަމަސިއޯނީ ބުނެފައި ވެއެވެ. "ޓީމް އޮތީ އެމެޖެންސީ ހާލަތެއްގައި. އަހަރެމެން މަސައްކަތް މިކުރަނީ މުހިންމު ކުޅުންތެރިން އަނިޔާއިން ސަލާމަތް ކުރެވޭތޯ. ނަމަވެސް މެޗަށް އަރުވާނީ ސަތޭކަ ޕަސެންޓް ފިޓްކޮށް ތިބި ކުޅުންތެރިން،" އިންޓަގެ ބުންޏެވެ.

ޔޫރޮޕާ ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް އާއި އިންޓަ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ މެންދަމު 1:05ގަ އެވެ. މިމެޗު ކުޅޭނީ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގަ އެވެ.