ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓުމުގެ އަސްލަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ކަމުގައި ފެނިގެން އެބަ ދާ ކަމަށް އިސްލާމިކް މިނިސްޓަރު އައްޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ފޭސްބުކްގައި ޝަހީމު މިއަދު ލިއުއްވާފައިވައި ވަނީ "ރައީސް ނަޝީދު ވިދާޅުވާ ވާހަކަތަކުގެ ހަގީގަތް މިދަނީ ފެންނަމުން ކަމަށާ ރާއްޖޭގެ އަދުލުގެ ނިޒާމުގެ އިންސާފެއް ނެތްކަން އެނިޒާމުގެ ތެރެއިން ނަޝީދު ގެންދަވަނީ ދައްކަވަމުން ކަމަށެވެ.

"ރައީސް ނަޝީދު ވިދާޅުވާ ވާހަކަތަކުގެ ހަގީގަތް މިދަނީ ފެންނަމުން، ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގައި އިންސާފެއް ނެތްކަން އެ ނިޒާމުގެ ތެރެއިން ނަޝީދު އެދަނީ ދައްކަވަމުން، ވަކިމީހަކަށް ޝަރީއަތް ވަކި ގޮތަކަށް ކުރާތަން ފެނިގެން ދަނީ،" ޝަހީމު ވިދާޅުވެފައި ވެއެވެ.

އަދި ވިދާޅުވެފައި ވަނީ ވަކިމީހެއްގެ ޝަރީއަތް ލަސްކުރަން އިއުތިރާޒެއް ނެތްކަމަށް ބުނާތަން ފެނިގެންދާ ކަމަށާއި މިއީ ރާއްޖޭގެ އަދުލުގެ ނިޒާމުގެ ހާލަތު ކަމަށެވެ.

"ހަގީގަތުގައި ވެސް ފުންކޮށް ވިސްނައިފި ނަމަ، ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓުމުގެ އަސްލަކީ ރާއްޖޭގެ ޝަރުއީ ނިޒާމުކަމުގައި ފެނިގެން މިދަނީ، މިއީ ދިވެހިން ކަންބޮޑުވާން ޖެހޭ ކަމެއް،" ޝަހީމް ވިދާޅުވެފައި ވެއެވެ.

ޝެއިޚު ޝަހީމު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރައީސް ނަޝީދުގެ ޝަރީއަތް ހަތަރު ހަފުތާއަށް ފަސްކުރުމަށް ހުޅުމާލޭ ކޯޓުން އިއްޔެ ނިންމުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

އިއްޔެގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރު އަބުދުﷲ ރާބިއު ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމުން އެދިވަޑައިގެންނެވި ގޮތަށް ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އިއުތިރާޒެއް ނެތްކަމަށެވެ.

ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އިއުތިރާޒު ނުކުރެއްވި ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެއްކަކު ދިގުމުއްދަތަކަށް ރާއްޖެ އިން ބޭރަށް ފުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމީހެއްގެ ހެކިބަސް ނެގުމަށް ޝަރީއަތުގެ މަޖިލީހެއް ބާއްވަން އެފުރުސަތު ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.