މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކަށް ގެއްލުންދީ އެތަންތަނުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވާ 89 މީހުންނަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ދައުވާ ލިބޭ މީހުންނަށް މައުލޫމާތު ދިނުމަށް ހަމެޖިހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެމީހުން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ކްރިމިނަލް ކޯޓާއި އޯޑިއޯ ކޮންފަރެންސް ކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސް ޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސް ޓޭޝަންގެ އިމާރާތަށާއި އެތަނުގެ މުދަލަށް ގެއްލުންދިނުމުގެ އިތުރުން އެތަނުގައި ހުރި ވެހިކަލްތަކުގައި ހުޅުޖަހައި ރޯކޮށްލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އާއި އަދި ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިމާރާތަށް ގެއްލުންދީ ކޯޓްގެ ބައެއްތަކެތީގައި ހުޅުޖަހައި ގދ. އަތޮޅު ކައުންސިލް އިދާރާގެ އިމާރާތަށާއި މުދަލަށް ގެލުންދީފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ވަގުތެއްގައި ތިނަދޫ ބަޔަކު ގޮސް އެރަށު ޕޮލިސް ސްޓޭޝަނާއި މެޖިސްޓްރޭޓް ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން އެތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަ އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ތިނަދޫ ބްރާންޗްގެ ލޯން އޮފިސަރު މުހައްމަދު އަލީ އާއި ގދ. އަތޮޅު ކައުންސިލްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަހްމަދު ގައިސުގެ އިތުރުން ތިނަދޫ ކައުންސިލް މެންބަރުންކަމަށްވާ ހައުލަތު އަލީ އާއި ކިނާނަތު މުހައްމަދާއި އަލީ ޝާމާއި ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ޒާހިރު ވެސް ހިމެނެއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި ހަތަރު ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.