07 Mar 2013, 09:41
މާލޭގެ މައި ކުނި ކޮށީގައި ޒަމާންވެފައި ހުރި އުސް ކުނި ފުނި ހުސްކުރުމަށް ފިނޭންސް މިނިސްޓްރީން ދޫކުރި 8،000،000ރ. އިން ނުވާނެތީ، ކޮންޓެންޖެންސީ ބަޖެޓުން ފައިސާ ދޫކުރުމަށް މާއްލިއްޔަތު ކޮމެޓީ އަށް ހުށަހަޅަން އެންމެ ބޮޑު ދެ ޕާޓީން ތާއިދުކޮށްފި އެވެ.
ޒަމާންވީ އުސް ކުނި ފުނި ހުސްކުރުމަށް ކޮންޓެންޖެންސީ ބަޖެޓުން ފައިސާ ދޫކުރުމަށް ކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ޝަރީފެެވެ.
ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އެ މައްސަލާގައި ހޯމަ ދުވަހު ބާއްވާ ކޮމެޓީގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.
ފަނަރަ އަހަރަށް ވުރެ، ގިނަ ދުވަސްވެފައިވާ ކޮންކުރިޓް ގައުތަކާއި ލަކުނޑިތަކުގެ އުސް ކުނިފުނި ހުސް ކުރުމަށް އިތުރު ބަޖެޓެއް ބޭނުންވާ ސަބަބެއް ކަމަށް މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ އެކަން ކުރުމަށް މިހާރު ގެންގުޅޭ ވެހިކަލްތަކަކީ އެތައް ޒަމާންތަކެއްވަންދެން ބާވެފައި އެއްޗެހި ކަމަށް ވުމުން، ކުއްޔަން ހިފައިގެން ވެހިކަލްތަކެއް ގެންގުޅެމުންދާ ކަމަށެވެ. އަދި ތިލަފުށްޓަށް ކުނި އުފުލުމަން ގެންގުޅޭ ތިން ކޮޅުވެއްޓިތަކުގެ ތެރެއިން މިހާރު ބޭނުން ކުރަނީ އެންމެ ކޮޅުވެއްޓިއެއް ކަަމަށެވެ. އަދި ލޮރީތަކަށް ކުނި ބަރުކުރުމަށް ގެންގުޅޭ ހައިމާކުތައް ހަލާކުވެގެން ހެވީލޯޑާއި ވިމްލާ ކޮންޓްރަކްޝަން އިން ވެސް ހައިމާކުތައް ގެނެސްގެން ބޭނުން ކުރަމުންދާ ކަމަށް ވެސް މޭޔަރު އަލިބެ ވިދާޅުވި އެވެ.
އުސް ކުނި ފުނި ހުސް ކުރުމަށް ކޮންޓެންޖެންސީ ބަޖެޓުން ފައިސާ ހޯދުމުގެ ވިސްނުން ބޮޑު ދެ ޕާޓީން ގެންގުޅެމުންދާ އިރު، މޭޔަރު އަލިބެ ވިދާޅުވީ ކުނިކޮށިން ދުމާއި ވަހުން މާލޭ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެމްއެމްޑީއެފުން މިހާރު ފަށާފައިވާ އޮޕަރޭޝަނަށް ހަރަދު ކުރާނީ ޑިފެންސް މިނިސްޓްރީގެ ބަޖެޓުން ކަމަށް އެ މިނިސްޓްރީގެ ވަޒީރު މުހައްމަދު ނާޒިމް ވިދާޅުވެފައިވާ ކަމަށެވެ.
މިއަދު ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގައި ހާޒިރުވެވަޑައިގެންނެވި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އިބްރާހިމް އާސިފް ރަޝީދު ވިދާޅުވީއެ ސްކޫލަށް ދިމާވެފައިވާ ދުމާއި ވިހަ ވަހަކީ 2009 އަހަރުން ފެށިގެން ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެކަންތައްތަކަށް ހައްލެއް ނުލިބި ސްކޫލްގެ 1600 އެއްހާ ދަރިވަރުންނާއި 180 މުވައްޒަފުންގެ އާންމު މާހައުލަކަށް އެތަންވުމުން ލޮލަށް ނުފެނުނަސް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށެވެ.