13 Oct 2010, 10:30
އެކްރޫޑް ޕެންޝަން ހައްޤުވާ ފަރާތްތަކުގެ ތެރެއިން 800 އަށްވުރެ ގިނަ މީހުން އަދިވެސް ފޯމު ނުފޮނުވާ ކަމަށް މޯލްޑިވިސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއެފް) ބުނެފި އެވެ.
އެކުރޫޑް ޕެންޝަން ހައްގުވާ މީހުން އެކްރޫޑް ޕެންޝަން ނަގާނީތޯ ނުވަތަ އުމުރުން 65 އަހަރުވަންދެން މިހާރު ވެސް ލިބެމުންދާ ޕެންޝަނުގައި ދެމި ތިބޭނީތޯ މޯލްޑިވިސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް ސާފުކޮށް ދިނުމަށް އަންނަ މަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެ އޮފީހުން އަންގާފައިވެ އެވެ.
"ފޯމު ނުފޮނުވައިފި ނަމަ އަޅުގަނޑުމެން ބަލާނީ ޕެންޝަން ދަމަހައްޓަން ބޭނުންވަނީ ކަމަށް. އެހެން ކަމުން ފޯމުތައް ފޮނުވުމަކީ ވަރަށް މުހިންމުކަމެއް." އެމްޕީއޭއެފްގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތް ކޮށްފައިވުމުން ލިބޭ ޕެންޝަން، އުމުރުން 65 އަހަރު ވަންދެން ލިބެމުން ދިއުމަށް ނުވަތަ އެ ޕެންޝަން ދޫކޮށްލައި ހިދުމަތް ކޮށްފައިވާ ޖުމްލަ މުއްދަތަށް އެކްރޫޑް ޕެންޝަން ނެގުމުގެ އިހްތިޔާރު ލިބެ އެވެ.
ސުޖާއު ވިދާޅުވީ 3109 މީހަކަށް ފޯމު ދޫކޮށްފައިވީ ނަމަވެސް އެ އޮފީހަށް މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 2225 މީހަކު ކަމަށެވެ. އެހެންކަމުން، ފޯމު ހުށަނާޅައި ފަރާތްތަކުން މިމަހުގެ 31 ގެ ކުރިން އެމްޕީއޭއެފް އަށް ފޯމު ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.