07 Mar 2013, 09:37
ކުދި ޕާޓީތައް އޮންނާނީ އުވާލާފައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އަބްދުﷲ އެ ޕާޓީތަކަށް ގޮންޖައްސަވައި ވާހަކަ ދައްކަވައިފި އެވެ.
އެމްޑީޕީ އިން ރޭ އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ސިޔާސީ ޕާޓީތަކުގެ ބިލަށް އިޝާރާތްކުރައްވައި ވާހަކަ ދައްކަމުން އަހުމަދު އަބްދުﷲ ވިދާޅުވެފައި ވަނީ "ހުރިހާ ކުދި ޕާޓީއެއް އޮންނާނީ އުވާލާފައި" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފުރަތަމަ ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އެފަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވަނީ އެ ބިލްގެ ސަބަބުން ބައެއް ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވާފަ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ތެރެއިން މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާ އެކު، ރައީސުލްޖުމްހޫރިއްޔާ އަށް ތަސްދީގުކުރެއްވުމަށް މަޖުބޫރުވާ ގޮތަށް މަޖިލީހުން ވަނީ ސިޔާސީ ޕާޓީތަކުގެ ބިލް އޮތް ގޮތަށް ފާސްކޮށްފަ އެެވެ.
ރައީސް ވަހީދު ބިލް ތަސްދީގުކުރައްވަން ފުރަތަމަ ފަހަރު ދެކޮޅު ހެއްދެވީ ބިލްގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ކަމުގައި ބުނެފައި ވުމުން، ކުދި ޕާޓީތަކުގައި ހިމެނޭ ރައްޔިތުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހައްގު ގެއްލިގެންދާތީވެ ކަމަށް ވިދާޅުވެ އެވެ.
އެ ބިލްގެ 27 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ޕާޓީއެއް އުފެދޭ ފަހުންވެސް، އަހަރަކު ދެފަހަރު އިލެކްޝަންސް ކޮމިޝަނުން ހުރިހާ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވާކަން ޔަގީންކުރަން ޖެހެ އެވެ. އަދި 10،000 މެމްބަރުން ހަމަނުވާ ނަމަ، އެކަން އިލެކްޝަންސް ކޮމީޝަނުން ޕާޓީ އަށް އެންގުމަށް ފަހު ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކޮށްފި ނަމަ ޕާޓީ އުވޭނެ ކަމަށް ބިލްގެ 19 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
މިބިލް ތަސްދީގު ކުރުމަށް މަޖުބޫރުވާ ގޮތަށް ބިލް ފާސްކުރުމާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ މިބިލް ގާނޫނަކަށްވެ، އަމަލުކުރަން ފަށާ ހިސާބުން ފެށިގެން ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތައް އުވިގެންދާނެ ކަމަށް އެކޮމިޝަނަށް މާނަކުރެވޭ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން މިބިލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެއްވެސް ފަރާތަކުން ބިލްގެ ބޭނުމަކީ ބައެއް ސިޔާސީ ޕާޓީތައް އުވާލުން ކަމަށް ބުނެފައިނުވާ އިރު، ބިލް އެކުލަވާލި ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބިލް އެކުލަވާލުމުގެ މަސައްކަތްކުރެއްވި މެމްބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވުމުން، މިބިލްގެ މަގުސަދާ މެދު ސުވާލުތަކެއް އުފެދެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ ގޮތުގައި މިވަގުތު ހިމެނެނީ ފަސް ޕާޓީއެކެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޑީއާރުޕީ، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީ އެވެ. އެމްޑީއޭ އިން ވެސް ވަނީ 10،000 މީހުން ހަމަކޮށް އިލެކްޝަންސް އަށް ފޮނުވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ބިލް ރައީސް ތަސްދީގުކުރައްވައިފި ނަމަ، 10،000 މެމްބަރުން ހަމަނުވާ 11 ސިޔާސީ ޕާޓީއެއް އުވިގެންދާނެ ކަމަށެވެ.