ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) 45، މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހޯރަ އިއްބެގެ މައްޗަށް ކޮށްފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ އިއްޔެ ކަމަށެވެ. އިއްޔެގެ ޝަރީއަތުގައި ދައުލަތުން އިއްވި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އަށް އިންކާރު ކުރައްވައި ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދުމުން ކޯޓުން އެފުރުސަތު ދީފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހޯރައިއްބެ ހައްޔަރުކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރި އެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ އާ އެކު އެ އަންހެން ކުއްޖާ ވެސް ފުލުހުން ހައްޔަރު ކުރި އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.