07 Mar 2013, 09:13
އިމާދުއްދީން ސްކޫލްގައި ކިޔެވަދޭން ފަށާނީ މޫސުމަށް ބަލާފަ އެވެ. ވައިރޯޅި ޖެހޭ ގޮތަށް ބަލާފަ އެވެ. ދެކުނުން އުތުރަށް ވައި ނުޖެހޭނެ ކަމަށް މެޓު އޮފީހުން ލާފާކޮށްފި ނަމަ އެވެ. އެއީ އިމާދުއްދީންގެ ދެކުނަށް އޮންނަ މައި ކުނި ކޮށީގައި ޒަމާންވެފައި ހުރި އުސް ކުނި ފުނިގަނޑުން އަރާ ދުމާއި ވިހަ ވަހުގެ އަސަރު ފޯރާފާނެތީ އެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން އިމާދުއްދީން ސްކޫލު އެތަނުގައި އިމާރާތް ކުރިއިރު ވެސް ކުނިކޮށި އެތަނުގައި ހުއްޓެވެ. ނަމަވެސް މިހާރު އެވާ އުނދަގުލެއް ކުރިއަކުންނެއް ނުވެ އެވެ. ދުމުގެ އަސަރުގައި ޖެހި ދަރިވަރުނާއި ޓީޗަރުން "އަވަދިވާން" ފެށީ ސިޔާސީ ހަލަބޮލި އެއްވުމަކާ އެކު އުސް ކުނި ފުނިގަނޑުން ހުޅު ފަޅައިގެންދާތީ އެވެ.
އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު ވިދާޅުވާ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން މައި ކުނި ކޮށީގައި ޒަމާންވެފައި ހުރި އުސް ކުނި ފުނީގައި ރޯކޮށްލާތީ، ދަރިވަރުން ކުރާ އަސަރު ކަމާބެހޭ ފަރާތަކުގެ ސަމާލުކަމަށް ގެނައި ކަމުގަ އެވެ. ނަމަވެސް އެ މައްސަލައަށް ހަތަރު އަހަރުވެގެން ދާއިރު އަދި ވެސް އެކަމުގައި އަލިމަގެއް ނުފެންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. "މަގުމައްޗަށް ބަޔަކު ނުކުންނައިރަށް ގޮނޑުރޯވާކަން ފާހަގަ ކުރެވޭ. އަދި އޭރުން ފެށިގެން ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ލިޔަމުން އަޅުގަނޑުމެން ގެންދިޔައިން. އެކަމަކު އެއްވެސް ހައްލެއް ލިބިފައެއްނުވޭ،" މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާލުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ 60 އެއްހާ ކުދިންނާއި 1600 އަށް ވުރެ ގިނަ ދަރިވަރުންގެ ފަށާ ތައުލީމީ ހަޔާތް ގެދަބުޅި ތެރޭގައި ހޭދަކުރަން ތިބީ މަޖުބޫރުވެފަ އެވެ. އަސާސީ ހައްގެއް ކަށަވަރު ނުކުރެވޭ ހާލަތުގަ އެވެ. އެފަދަ މާހައުލަކުން ބޮޑުވަމުންދާ ޅަ ހަށިތަކަށް ލިބުނު ގެއްލުމުގެ ޒިންމާވާނީ ކާކު ހެއްޔެވެ؟ އުސް ކުނި ފުނި "ފަރުބަދަ" މިއަދު ހުސްކުރަން އަވަސްވެގަތުމުން ލިބުނު ގެއްލުން އިޔާދަވާނެތޯ އެވެ؟ ދަރިވަރުންނަށް މަގު ކޮށައިދޭން ތިބި ޓީޗަރުންނާ އެކު ސްކޫލުގެ 180 މުވައްޒަފުންގެ މަސައްކަތުގެ މާހައުލު "ހަރާބުވުމުން" ހިދުމަތް ރަނގަޅުވާނެތޯ އެވެ؟ ދަރިވަރުންގެ ނަތީއްޖާއެއް ވެސް ރަނގަޅެއް ނުވި އެވެ. އެކަމަށް ސްކޫލުގެ ޕްރިންސިޕަލް ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. ފާއިތުވި އަހަރުތަކުގެ ނަތީއްޖާތަކަށް ބަލާލުމުން ވެސް އެކަން ސާބިތުކޮށްދެ އެވެ.
ޕްރިންސިޕަލް އާސިފް ވިދާޅުވީ ގޮތުގައި ލޮލަށް ނުފެނި، އިހްސާސް ނުކުރެނު ނަމަވެސް ސްކޫލްގެ ދަރިވަރުންނަށް ސިއްހީ ގޮތުން ގެއްލުންތަކެއް ލިބިފައިވެ އެވެ.އުނދަގުލެއްގެ ތެރޭގައި ހޭނުމުން ފަހުން އެއީ މައްސަލައަކަށް ނުވާ ދަރަޖަކަށް އެކަން ގޮސްފައިވާ ކަމުގަ އެވެ. ދަރިވަރުން އެތިބީ "ގޮނޑު" ތެރޭގައި އުޅެން ހޭނިފައި ކަމަށް އާސިފް ވިދާޅުވި އެވެ. "ގްރޭޑް އެކަކުން 10 އެއް ނިންމާއިރު އެމީހުންގެ އުމުރުގެ ފަސް އަހަރު ދުވަސް ގާތް ގަނޑަކަށް ޓޮކްސިކް ވޭސްޓް އިންހޭލް ކޮށްގެން ހޭދަކުރަނީ. ދުވާލަކު ފަހެއް ނުވަތަ ހަތް ގަޑިއިރު ހޭދަކުރާ ބަޔަކަށް އެކަން އިހުސާސްނުވި ނަމަވެސް އެހެން ބޭފުޅަކު އެތަނަށް ދިއުމުން އެކަން އިހުސާސް ކުރެވޭނެ،"
މިސާބަށް ކަންތައްތައް ދިއުމުން ގާނޫނު އަސާސީގައި ބުނާ އަސާސީ ހައްގުތަކުން ވެސް ރައްޔިތުން މަހުރޫމްވީ އެވެ.
ގާނޫނު އަސާސީ ހައްގުތަކާއި މިނިވަންކަން ކަމުގެ ބާބުގެ 23 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވާ ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ކޮންމެ މީހަކަސް ލިބެންވާނެ ކަމަށާއި ހަމަ އެބާބުގެ 36 ވަނަ މާއްދާގެ (ހ)ގައި ބުނާ އެއްވެސް ތަފާތު ކުރުމެއްނެތި އުނގެނުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާން ވާނެ ކަމުގަ އެވެ.
އެ ހައްގުތަކުން މަހުރޫމްވީކީ އިމާދުއްދީން ދަރިވަރުންނާއި މުވައްޒަފުން އެކަންޔެއް ވެސް ނޫނެވެ. އެ ސަރަހައްދުގެ ރައްޔިތުންނާއި ވިލިމާލޭގެ ރައްޔިތުންނެވެ. އުސްކުނިފުނިގަނޑު ހުސްކުރަން ލޮރީތައް ހުސްކުރާ ބާޖު އޮންނަނީ ވިލިނގިލީ ފެރީޓާމިނަލް ސަރަހައްދުގަ އެވެ. އެ ސަރަހައްދަށް ކައިރިވި މީހަކު ވެސް މޫޑު ހަރާބުވީ އެވެ. އަރާ ވަހުގެ ސަބަބުންނެވެ.
ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި ގޮތުގައި ޒަމާވެފައިވާ މައި ކުނި ކޮށީގައި ހުރި ކޮންކްރިޓް ގަލާއި އުސް ކުނިފުނީގެ ފަރުބަދަ ހުސް ނުކުރެވިވާ މައްސަލާގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން ކަމުގަ އެވެ. ސަބަބަކީ ހައްލު ހޯދުމަށް އަވަސްވެގަތީ ބައެއްގެ ސިއްހަތު ކުއްލި ހާލަތަކަށް ދިއުމުން ގައުމީ މަސައްކަތެއްގެ ގޮތުގައި އެކަން ކުއްލިއަކަަށް ނެގުމުން ކަމަށެވެ. ބެލެނެވެރިން މަގުމައްޗަށް ނުކުމެ، އަޑުއުފުލުގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން އެ މަސައްކަތް ކުރުމުގައި "އިހުމާލުވެފައިވާތީ" ނިހާން ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ. ނިހާން މިމޭރުމުން ވާހަކަފުުޅު ދެއްކެވީ ރޭ ބޭއްވި މަޖިލީހު ކޮމެޓީއެއްގަ އެވެ.
ދުމާއި ވިހަ ވަހުން އިމާދުއްދީނާއި އެ ސަރަހައްދުގެ ރައްޔިތުން ވަގުތީ ގޮތުން ސަލާމަތް ކުރުމަށް މިހާރު ވަނީ އެމްއެންޑީފާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެމްޓީސީސީގެ ވެހިކަލްތަކާއި އަދި އެހެން ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރާ މަސައްކަތުން އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ގޮނޑުން އަރާ ދުމުން ސަލާމަތްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.
އަދިވެސް ސްކޫލް ހުޅުވާނެ ކަމުގެ އުންމީދެއް ނެތި ތިބި ބަޔަކަށް ޔަގީންކަން އެބަ ލިބެންޖެހެ އެވެ. ބައެއްގެ އިހުމާލުވެފައި ވުމުން ފިނި ވައިރޯޅި ވެސް ވިހަ ވަހަށް ބަދަލުވެ، އަސާސީ ހައްގުން މަރޫމް ނުވާނެ ކަމުގެ ޔަގީންކަން ކަށަވަރުވާންޖެ އެވެ. އެކަން ކުރެވެން އޮތީ އުސް ކުނިފުނި ފަރުބަދަ ކަނޑައި ހުސްކޮށްގެންނެވެ.