މާލެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ހަމަލާދީ މާރާމާރީ ހިންގާފައި ވާތީ އެ މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރުމުގެ ތެރޭ "ޒަހަމްތަކެއް" ލިބުމުގައި ފުލުހުންގެ އިހުމާލެއްވޭތޯ ޕްރޮފެޝަނަލް ސްޓެންޑަޑް ޑައިރެކްޓްރޭޓުން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހަކަށް ރަށްދެބައިމަގު ސެންޓްރަލް ހޮޓެލް ކައިރިން މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އެ މީހުން ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށާއި ނަމަވެސް އެކަކު ހައްޔަރު ކުރި ކަމަށެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭ ފުލުހުންނަށް ގަދަދެއްކުމުން "ޒަހަމްތަކެއް" ލިބިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނަމަވެސް ޑޮކްޓަރުގެ ލަފާގެ މަތިން އިތުރު ފަރުވާއަށް އިއްޔެ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ޒަހަމްތަކެއް ލިބިފައި ވާތީ ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމްޗަށް ގެންގޮސް ފަރުވާ ދޭން ފަށާފަ. ޑޮކްޓަރުގެ ލަފާގެ މަތިން އިތުރު ފަރުވާއަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފަ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި ފުލުސް މީހާ އަށާއި ޒުވާނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ޒުވާނާއަށް ޒަހަމްތަކެއް ލިބުމުގައި ފުލުހުންގެ އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ހައްޔަރު ކުރި ޒާވާނައަށް ޒަހަމްތަކެއް ލިބުނު މައްސަލާގައި އެމްޑީޕީން ބުނެފައި ވަނީ އެ ޒުވާނާއަކީ ރޭގެ އަންގާރަ ދުވަހު މާލެ ތެރޭގައި ކުރި މުޒާހަރާއިން ހައްުޔަރު ކުރި ކުއްޖެއް ކަމަށާއި ފުލުހުން އޭނާއަށް އަނިޔާ ކުރީ ކަމަށެވެ. ނަމަވެސް ފުލުހުން އެކަން ދޮގު ކުރެ އެވެ.