ހުޅުމާލޭ ކޯޓުގައި އުފުލާފައިވާ ޖިނާއީ ދައުވާ ކުރިއަށް ގެންދަވަން ފަށައިފިނަމަ "ލިބޭ އަނިޔާއަކުން ކަމަށް އަންނާނެ ބަދަލެއް ނެތް" ކަމަށާއި އެ ޝަރީއަތް ކުރިއަށް ގެންދަވަން ފަށައިފިނަމަ ދުވަހަކު ވެސް ނުދެކޭފަދަ ސިޔާސީ ހަމަނުޖެހުންތަކެއް ރާއްޖޭގައި އުފެދިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ޝަރީއަތައް ހާޒިރު ކުރުމަށް ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ބަންދުން ވީއްލަވާފައިވާ ރައީސް ނަޝީދު އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން މިރޭ ވިދާޅުވީ ހުޅުމާލޭ ކޯޓުގައި ކުރާ ޝަރީއަތަކީ ހަމައެކަނި އެމަނިކުފާނުގެ މައްޗަށް ކުރައްވާ ޝަރީއަތެއް ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ ސަޕޯޓަރުންގެ މައްޗަށް ކުރާ ދައުވާއެއްގެ ކަމަށް ސިފަވާގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. "މައްސަލަ ކުރިއަށް ގެންދަވައިފިނަމަ ކ. ކެނެރީގޭ މުހައްމަދު ނަޝީދު، އަދި އިތުރަށް އަނދަގޮނޑީގައި 40 ދުވަހު އިނދެދާނެ. އޭނާ އެކަން ވެސް ކޮށްފާނެ. އޭނާއަކަށް މިކަމުގައި ލިބޭ އަނިޔާއަކުން ކަމަށް އަންނާނެ ބަދަލެއް ނުމެ އޮންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓު އަމުރަށް ރައީސް ނަޝީދު އަންގާރަ ދުވަހު ހައްޔަރު ކުރުމުން އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް މާލޭގެ މަގުތަކަށް ނުކުމެ، ހަމަނުޖެހުން ހިންގައި ގެއްލުންތަކެއް ދީފައިވަނިކޮށް، ރައީސް ނަޝީދު މިރޭ ވަނީ އިހްތިޖާޖަށް ނުކުތް ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ ޝަރީއަތް އިތުރަށް ކުރިއަށް ގެންދަވައިފިނަމަ "އެހެން ބާވަތްތަކުގެ ހަމަނުޖެހުން ވެސް" ހިނގާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

"ހަގީގަތުގައި ވެގެންދާނެ ގޮތަކީ މިރާއްޖެ ދުވަހަކު ވެސް ނުދެކޭފަދަ ސިޔާސީ ހަމަނުޖެހުން، އަދި މިރާއްޖެ ދުވަހަކު ވެސް ނުދެކޭފަދަ އެހެން ބާވަތްތަކުގެ ހަމަނުޖެހުން ވެސް މިރާއްޖޭގައި، އުފެދިގެން ދާނީ. ގައުމުތަކަށް ވެގެންދިޔަ ގޮތް، މުޖުތަމައުތައް ހަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ގޮތް، އަޅުގަނޑުމެންނަށް އިންސާނީ ތަޖުރީބާ ކިތަންމެ ގައުމެއްގެ، ގައުމީ ހަޔާތުން ފެންނާން އެބައޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެފަދަ ބޮޑު ހަމަނުޖެހުންތަކެއް ރާއްޖޭގައި ހިނގައިދިޔުމަކަށް ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިޒާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބޭނުންފުޅުވެވަޑައި ނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ބޭނުންފުޅުވެވަޑައިގަންނަވަނީ އެހަމަނުޖެހުން ގެންނަން ކަމަށެވެ. "އެތަނަށް ދާކަށް އަޅުގަނޑު ޔަގީން ކަށަވަރު އަޅުގަނޑެއް ނޫން، ޕްރޮސެކިއުޓާ ޖެނަރަލެއް ނޫން، އަޅުގަނޑު އުންމީދު ކުރަން އުއްތަމަ ފަނޑިޔާރެއް ވެސް ނޫން، އަޅުގަނޑަށް ޔަގީން ކަށަވަރު އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް އެކަމަށް އެދޭކަން، އެހަމަނުޖެހުން ގެންނަން އުޅޭކަން،"

މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ނަޝީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި އިހްލާސްތެރި، އެންމެހައި އުސޫލުތަކަށް ތަބާވާ ފުލުހުން އެބަ ތިބި ކަމަށެވެ.

"ފުލުހުންގެ މުއައްސަަސާގެ ތެރޭގައި މާ އިހްލާސްތެރި، މާ ގައުމީ ރޫހު ވަރުގަދަ، އަދި އެބޭފުޅުންގެ ވަޒީފާގެ ހުވަޔަށް، އަދި އެ ބޭފުޅުންގެ ވަޒީފާގެ ސަގާފަތާއި، އޭގެ އެންމެ އުސޫލުތަކަށް ތަބާވާ ފުލުހުން، އަބްދުﷲ ރިޔާޒަށް ވުރެ މާ ގިނަ،" ފުލުހުންގެ މުއައްސަސާއަކީ ކުށްކުރާ މީހުން ޖެހިލުންވާ ތަނެއްގެ ގޮތުގައި ހައްދަވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދު ރިޔާޒް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކޮށް ނަޝީދު ވިދާޅުވި އެވެ.

ވެރިކަން ހިންގުމުގެ ބާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ވެސް ރައީސް ނަޝީދު ވަނީ ކުރައްވާފަ އެވެ. ސިޔާސީ ފަރާތްތަކުގެ ފައިދާއަށްޓަކައި ޝައުރީ ނިޒާމް "ހިފަހައްޓައި، އޮބަހައްޓާފައިވާ" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ކެބިނެޓް ސެކަރެޓަރީ ވަޑައިގަންނަވަނީ ގާޒީންގެ އަރިހަށް. މިނިސްޓަރު ގުޅުއްވަނީ ފަނޑިޔާރުންނަށް. ދިވެހިރާއްޖޭގެ ޝަރުއީ ކަންކަން މިއޮތީ ސިޔާސީ މަދު ބޭފުޅުން ކޮޅެއްގެ އަމިއްލަ އެދުމަށްޓަކައި،" ނަޝީދު ވިދާޅުވި އެވެ.