06 Mar 2013, 23:32
އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ޏާނޭޝްވަރް އެމް މުލޭ، މަގާމުގެ މުއްދަތު ހަމަ ކުރައްވައި ރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް، މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުކުރެއްވުމުގައި ޝްރީ މުލޭ ވިދާޅުވީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކަކީ ވަރަށް އުފާވެރި އަދި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެއްވުނު ދުވަސްތަކެއް ކަމަށެވެ. އަދި ރާއްޖެއަށް ޚިދުމަތް ކުރުމަކީ ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވެސް މުލޭ ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށާއި، އެކި ގޮތްގޮތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މުލޭއަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމާ ޝްރީ މުލޭ ހަވާލުވީ 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެހެންކަމުން މިދިޔަ 2012 ވަނަ އަހަރުގެ އޭޕްރީލް މަހަށް ވަނީ މުލޭގެ ސަފީރުކަމުގެ ތިން އަހަރުގެ ދައުރު ފުރިހަމަ ވެފައެވެ. އެހެން ނަމަވެސް ދައުރު ފުރިހަމަވުމާ ގާތުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅޭންދެން އިންޑިޔާ ސަރުކާރުން ސަފީރުކަމުގެ މަގާމުގައި އިތުރު މުއްދަތަކަށް މުލޭ ބެހެއްޓީކަމަށް ޚަބަރު ލިބެއެވެ.
ޚަބަރު ލިބޭ ގޮތުން މުލޭ ދެން ވަޑައިގަންނަވާން ހަމަޖެހިފައިވަނީ އިންޑިޔާ ސަރުކާރުން އެމެރިކާގެ ނިއުޔޯކަށް ކަނޑައަޅުުއްވާ ކޮންސަލް ޖެނެރަލްގެ މަގާމަށެވެ.