06 Mar 2013, 22:56
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް މި މަހުގެ ފަސް ވަނަ ދުވަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އެމްޑީޕީން މާލެ ތެރޭގައި ހިންގި ހަމަނުޖެހުން ތަކާ ގުޅިގެން މިހާތަނަށް 82 ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ
މިރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މާލެ ތެރެ ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަން ގައި ގެނެވުނު މީހުންގެ ތެރެއިން ފަސް މީހަކު ފިޔަވައި، ދެން ތިބި އެންމެން މިހާރު ދޫކޮށްލާފައި ކަމަށެވެ. އަދި އެ ފަސް މީހުން ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެވެ.
"ރެއާ މިއަދުގެ މި ގަޑިއާ ހިސާބަށް ފުލުހުން މާލެ ތެރެ ބެލެހެއްޓުމުގައި 82 ފަރާތެއް މި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. އޭގެ ތެރެއިން ފަސް މީހަކު މިވަނީ މައްސަލަ ތަހްގީގު ކުރުމަށްޓަކައި ކޯޓު އަމުރުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި. އިތުރު ހުރިހާ ފަރާތްތަކެއް މިވަނީ ދޫ ކޮށްލެވިފައި،" ނަވާޒު ވިދާޅުވި އެވެ.
ހަކަތަ ޕެޓްރޯލް ޝެޑް ތެރޭގައި އޮތް ތެޔޮ އުފުލާ ވެހިކަލެއްގައި ރޭ ދަންވަރު ބަޔަކު އަލިފާން ރޯ ކޮށްލާފައި ވާތީ އެކަމާއި ގުޅޭ ގޮތުން ނަވާޒް ވިދާޅުވީ ފުލުހުންގެ މަސައްކަތުން ރޭ އެ އަލިފާން ގަނޑު ނިއްވާ ނުލެވުނު ނަމަ އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ އަމަލުތަކަކީ ޓެރެރިޒަމްއަށް ބާރު ދޭ އަދި ވަރަށް ނާ ތަހުޒީބު، ހަމަ އެހާމެ ދަށު ދަރަޖައިގެ އަމަލު ތަކެއް ކަމަށެވެ.
"ފުލުހުން އެތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅެ، އަލިފާން ނިއްވައި ނުލެވުނު ނަމަ އޭގެން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތި ލާން ޖެހުމީ ހަމަ ވަރަށް ގާތް ކަމެއް. ތަން ތަނުގަ އަލިފާން ރޯ ކުރުމާއި، އެފަދަ ބޮޑު ގެއްލުންތައް ދިނުމަށް ކޮންމެ ބަޔަކު ނަމަވެސް މަސައްކަތް ކުރުމަކީ ވަރަށް ނާ ތަހުޒީބު ޓެރެރިޒަމް އަށް ބާރުދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް ނަވާޒް ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރަމުން އަންނަ މުއައްސަސާއެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރު ލުމަށް ޝުކުރުވެރިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެއަށް ވުރެ ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.