ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އާއި އިއްޔެ ބޭއްވި ޖަލްސާ ކުރިޔަށް ގެންދިޔަނުދީ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުން ހުއްޓުވާލައްވާފައިވާތީ ޑީއާރުޕީ އިން އެކަން ކުށްވެރި ކޮށްފި އެވެ.


ޑީއާރްޕީން ނެރުނު ބަޔާނެއްގައި ބުނަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތައި، ޖަލްސާތައް ހުއްޓުވަމުން ގެންދަވަނީ، "ވަޒީރުންގެ މަޤާމުތަކަށް ސަރުކާރުން ޢައްޔަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ނުލިބޭނެތީ އާއި، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުން ހުރި މުހިއްމު ކަންތައްތަކެއް ނިންމަން ހުރުމާ އެކު، އެކަންތައްތައް ވެސް ލަސްކޮށް ރައްޔިތުން ބާރުވެރިކުރުމަށް ހުރަސްއެޅުމުގެ ނިޔަތުގައި" ކަމަށެވެ.


އަދި ފުރިހަމަ ޑިމޮކްރަސީއެއް ހޯދުމަށް ދިވެހިލޮބުވެތި ރައްޔިތުން ކުރަމުންދާ އުންމީދުތަކަށް  ހުރަސް ނޭޅުމަށާއި ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަންދޫބުން ހިމެނޭ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުރަސް ނޭޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕަށާއި ސަރުކާރަށް ޑީއާރްޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.