06 Mar 2013, 21:58
ކުނިކޮށިން އަރާ ވަހުންނާއި ދުމުގެ ސަބަބުން އިމާދުއްދީން ސްކޫލް ކުދިންގެ ހައްގުތަށް ގެއްލެމުންދާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާލޭ އެއް ނަމްބަރު ކުނިކޮށީގައި ރޯވުމާ ގުޅިގެން އިމާދުއްދީން ސްކޫލް ކުދިންގެ ކިޔެވުން ހުއްޓާލަންޖެހި ޓީޗަރުންނަށް ކިޔަވައިނުދެވޭ ހިސާބަށް ގޮސްފައިވަނިކޮށް އެޗްއާރުސީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުނިކޮށިން އަރާ ދުމާއި ވަހުގެ ސަބަބުން އެ ސްކޫލް ކުދިންގެ އުނގެނުމުގެ ހައްގާއި ރަނގަޅު ސިއްހަތެއްގައި ހުރުމުގެ ހައްގަށް ނޭދެވޭ އެތަށް އަސަރެއްކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލްގެ ކިޔެވުން ގިނަ ދުވަސްތަކެއްގައި މެދު ކަނޑާލަން ޖެހި ކިޔެވުމުން ދަރިވަރުން މަހުރޫމްވެފައިވާތީ އެޗްއާރުސީއެމުން ކަންބޮޑުވާ ކަމަށް ވެސް އެބަޔާޏުގައި ވެއެވެ.
އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ވެސް މުޢަމަލާތް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް މިއަދާއި ހަމައަށް ހޯދިފައިނުވާތީ އެކަން މިހާރުން މިހާރަށް ހައްލުކުރުމަށް އެކޮމިޝަނުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އަދި ވަކިން ހާއްސަކޮށް މާލޭ ސިޓީ ކައުންސިލަށް ވަނީ ގޮވާލާފަ އެވެ.
އެއް ނަމްބަރު ކުނީކޮށި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލަށް ވަނީ އަށް މިލިއަން ރުފިޔާދީފަ އެވެ.
ނަމަވެސް ކުނި ކޮށިން އަރާ ދުމާހެދި ކެތްނުކުރެވިގެން އިމާދުއްދީން ސްކޫލްގެ ކިޔެވުން މިއަދު މެދު ކަނޑާލުމާ ގުޅިގެން ބެލެނިވެރިން ނުކުމެ ކުރި މުޒާހަރާގައި ސިޓީ ކައުންސިލާ ބައްދަލުކުރުމުން އެ ކައުންސިލުން މިއަދު ބުނެފައިވަނީ ކުނިކޮށި ހުސްކުރުން ލަސްވަނީ އެކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުން ކަމަށެވެ.
ކުނީކޮށީގެ މައްސަލަ ބޮޑުވެ ގައުމުގެ އެންމެންގެ ސަމާލުކަމަށް އައިސް މިހާރު އެ މަސައްކަތްވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފަ އެވެ.
އެގޮތުން ޑިފެންސް މިނިސްޓްރީގައި އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީ އާ އެކު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ގޮނޑު ސާފުކުރުމުގެ އަމަލީ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ގުޅިގެން ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން މިރޭ ވަނީ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ފަށާފަ އެވެ.