ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގުމަށްޓަކައި ހުޅުމާލޭ ކޯޓަށް ތިން ފަނޑިޔާރުންގެ ބެންޗު ކަނޑައެޅި ގޮތާމެދު ކޮމެޓީއަށް ހާޒިރުވެ، ޖަވާބުދާރީވުމަށް
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ދެކޮޅު ހަދައިފި އެވެ.

ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން ކަނޑައެޅި ގޮތުގެ ތަފްސީލު ހޯދައި، ޖޭއެސްސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައި ވަނިކޮށް ޖޭއެސްސީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުވި ސިޓީއެއްފައި ބުނެފައި ވަނީ އެ މައްސަލާގައި "ކޮމެޓީއަށް ހާޒިރުވެ، މައުލޫމާތު ހިއްސާ ކުރުމަކީ ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ،" ކަމެއް ކަމަށެވެ.

އެގޮތުން ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެމައްސަލައަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ އަމަލަކީ ނުވަތަ ނިންމާ ކޮންމެ ނިންމުމަކީ އޭގެ ޒާތުގައި ބާތިލް ކަމެއް ކަމަށާއި، މިބާވަތުގެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވާ ކަމަށް ޖޭއެސްސީގެ ސިޓީގައިވެ އެވެ.

ޖޭއެސްސީން ބުނީ ރައްޔިތުންގެ މަޖިލީހުން ކޮމިޓީގެ މެމްބަރުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރަން އެދިފައިވާ މައްސަލައަކީ މިހާރު ކޯޓު މަރުހަލާގައި ހިނގަމުންދާ މައްސަލައެއް ކަމުން އެކަމުގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުން ކަމަށް ވާނެތީވެ، އެމައުލޫމާތުތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގެވުމަށް ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި ގޮތާމެދު ގާނޫނީ ސުވާލުތަކެއް އުފައްދައި އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅާފައި ވަނީ އެމްޑީޕީން ނެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ބޭއްވުނު ކޮމިޓީ ކުއްލި ބައްބަލުވުމުގައި ކޮމެޓީގެ އިއްތިފާގުން ނިންމާފައި ވަނީ އެމައްސަލަ ބެލުމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ސަމީރު ކޮމެޓީއަށް ހުށަހެޅުއްވި މައްސަލާގައި ބުނަނީ މާޗް 11، 2007 ގައި ރައީސް އޮފީހުގެ ސިޓީއަކުން ހުޅުމާލޭގައި އުފެއްދި މާލޭ ކޯޓްތަކުގެ ގޮފި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކުން މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކޮށް، އެކޯޓަށް ހުށަހެޅި ވަކި މައްސަލައެއް ބެލުމަށްޓަކައި ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ކޯޓްތަކުގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ.