06 Mar 2013, 20:32
އޭއެފްސީ ކަޕްގެ ގްރޫޕް ޖީގައި މެލޭޝިޔާގެ ކެލަންޓަން އެފްއޭ އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކޮޓަ ބާރޫގެ ސްޓޭޑިއަމް ސުލްޠާން މުހައްމަދު 4 ގައި ކުޅުނު މެޗު އެކެއް އެކަކުން އެއްވަރުކޮށް މާޒިޔާއިން ޕޮއިންޓެއް ހޯދައިފި އެވެ.
ކެލަންޓަންގެ ދަނޑުގައި އެޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ވާދަވެރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އޮވެ އެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން 62 ވަނަ މިނިޓުގައި މާޒިޔާއަށް ކުރިހޯދައި ދިނީ އެޓީމާ މިސީޒަންގައި އަލަށް ގުޅުނު ޒުވާން ފޯވަޑް ހަސަން އަދްހަމް (ސަޑޭ) އެވެ. އެހެން ނަމަވެސް އޭގެ 17 މިނިޓުފަހުން މެލޭޝިޔާގެ ސުޕަލީގުގެ ހަވަނައިގައި މިވަގުތު އޮތް ކެލަންޓަން އަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ބަދްރީ ރާދްޒީ ކާމިޔާބު ކޮށްދިން ލަނޑުން އެޓީމުވަނީ މާޒިޔާއާ އެކެއް އެކަކުން އެއްވަރު ކޮށްފަ އެވެ.
ހުސްވި މަހުގެ 27 ގައި މިގުރޫޕްގެ ފުރަތަމަ މެޗުގައި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގް އެފްސީއާއި މިޔަންމާގެ އަޔެޔަވަދީ ޔުނައިޓެޑް ކުޅުނު މެޗް ދޭއް އެކަކުން ކާމިޔާބު ކުރީ ޑަ ނަންގް އެވެ. އެހެން ކަމުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު ޑަނަންގް އޮތް އިރު ކެލަންޓަން އާއި މާޒިޔާ އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތީ އަޔެޔަވަދީ އެވެ.
ގްރޫޕް ޖީގައި މާޒިޔާ ކުޅޭ ދެވަނަ މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. އެމެޗުގައި މިމަހުގެ 13 ވަނަ ދުވަހު އެޓީމާ ވާދަކުރާނީ މިހާރު ތިން ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތް ޑަ ނަންގް އެފްސީ އެވެ.