މާލޭ އެއް ނަމްބަރު ކުނިކޮށި ފުރިފައިވަނިކޮށް، ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެގޮނޑުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ ގޮނޑު ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލައަކީ ގައުމީ ލެވެލްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކިގެން ސަރުކާރުން އެ މަސައްކަތް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ގޮނޑު ސާފުކުރުމުގެ އަމަލީ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީއާ ގުޅިގެން މިރޭ ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަަރުކާރުން އެގޮތަށް ނިންމީ މިއަދު ހަވީޜު ޑިފެންސް މިނިސްްޓްރީގައި އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީ އާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ނިންމެވީ އެމައްސައްކަތަކީ ގައުމީ ލެވެލްގެ މަސައްކަތެއްގެ ބަލައިގެން ވީހާ ވެސް އަވަހަށް އެމަސައްކަތް ހައްލުކުރުމަށް. އެގޮތުން އެ މައްސަލައަކީ ޑިޒާސްޓާ ލެވެލްއެއްގެ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި، ކުނިގޮނޑު ހުސްކުރުމުގެ މަސަައްކަތް ކުރުމުގައި ލީޑް އެޖެންސީއެއްގެ ގޮތުގައި އެމްއެންޑީއެފް އޮވެގެން އެ މަސައްކަތް ކުރުމަށް އެ ބައްދަލުވުމުން ނިންމީ،" އަބްުދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުނިގޮނޑި ހުސްކުރުމުގެ މަަސައްކަތް ކުރިއަށް ގެންދާނީ އެމްޓީސީސީ އާއި ސިޓީ ކައުންސިލާ ގުޅިގެން ކަމަށާއި އެމްއެންޑީއެފުން އަދާކުރާނީ އެ މަސައްކަތް މެނޭޖްކުރުމާއި މޮނިޓާ ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަސައްކަތް މުޅިން ނިންމާލެވޭނެ ދުވަހެއް އަދި ވިދާޅުވާން ނޭނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުއްލި ސަމާލު ކަމެއްދީގެން މިއަދު ކުނިގަނޑު ހުސްކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފައި މިވަނީ މިއަދު ކުނިގޮނޑުން އަރަމުންދާ ދުމުގެ ސަބަބުންނާ އެ ގޮނޑުން ދުވާ ނުބައި ވަހާ ގުޅިގެން އެސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލްގެ ޓީޗަރުންނަށާއި ކުދިންގެ ހާލުތެރެވުމާ ގުޅިގެން ސްކޫލްގެ ކިޔެވުން ބަންދުކޮށްފައިވަނިކޮށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިންތަކެއް މިއަދު ވަނީ މާލޭ ސިޓީ ކައުންސިލް ހޯލް ކައިރިއަށާއި ރައްޔިތުންގެ މަޖިލީސް ކުރާ ގޭ ސަރަހައްދަށް ވެސް އެއްވެ މުޒާހަރާކޮށްފަ އެވެ.