06 Mar 2013, 19:35
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ރިޔާސީ އިންތިޚާބު ނިމެންދެން ފަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައި ނުވާ ކަމަށާއި ނަމަވެސް އެގޮތަށް ކޯޓުން ނިންމި ނަމަވެސް އެމަނިކުފާނު އެކަމަށް އިއުތިރާޒު ނުކުރައްވާ ކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން މިހެން ބުނެފައި ވަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވަމުންނެވެ.
ރިޔާސީ އިންތިޚާބު ނިމެންދެން ނަޝީދުގެ ޝަރީއަތް ފަސް ކުރުމަށް އެދިވަޑައިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން ނެންގެވި އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު، އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމުން އެދިވަޑައިގެންނެވި ގޮތަށް ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އިއުތިރާޒެއް ނެތްކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ޝެޑިއުލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހަށެވެ.
ނަޝީދުގެ ޝަރީއަތް ފަސްކުރުމަކީ ޕީޖީގެ އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވުމުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ވެސް ރިޔާސީ އިންތިޚާބާ ހަމައަށް ޝަރީއަތް ފަސްކުރުމަށް އެއްބަސްވެފައި ވާތީ ޝަރީއަތް ފަސްކުރުމަށް ޝަރީއަތުން ނިންމިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޝާއިރުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމުން ވާހަކަ ދައްކަވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އިއުތިރާޒެއް ނެތް ނަމަވެސް ޝަރީއަތް ފަސް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ.
ރާބިއު ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އިއުތިރާޒު ނުކުރެއްވި ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެއްކަކު ދިގުމުއްދަތަކަށް ރާއްޖެ އިން ބޭރަށް ފުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމީހެއްގެ ހެކިބަސް ނެގުމަށް ޝަރީއަތުގެ މަޖިލީހެއް ބާއްވަން އެފުރުސަތު ބޭނުންވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކޮށްދިނުމަށް ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާ ޝަރީއަތަށް ހުށަހަޅުއްވަމުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ރައީސް ނަޝީދަކީ ރިޔާސީ ކެނޑިޑޭޓަކަށް ވާތީ އެ ޝަރީއަތަކީ އެތަކެއް ބައެއްގެ ހައްގާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ނަޝީދަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުންވާ މީހަކު ރައީސް ކަމަށް ގެނައުމަށް ޓަކައި ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި އިންތިޚާބުގައި ނަޝީދަށް ވާދަނުކުރެއްވޭ ގޮތަށް ކޯޓުން ހުކުމްކޮށްފި ނަމަ އެކަން ވެގެންދާނީ ނަޝީދާއި އެމަނިކުފާނަށް ވޯޓުދޭން ތިބި މީހުންގެ ހައްގު ގެއްލިގެންދާނެ ކަމަކަށް ވާތީ ރިޔާސީ އިންތިޚާބާ ހަމައަށް ޝަރީއަތް ފަސްކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
އިޖުރާއީ ނުކުތާއާ ބެހޭ ގޮތުން ދެފަރާތަށް ވެސް އެކަށީގެންވާ ވަރަށް ވާހަކަ ދައްކަން ފުރުސަތު ދެއްވުމަށް ފަސް މިނެޓްގެ ހުސްވަގުތުކޮޅެއް ނެގުމަށް ފަހު ރިޔާސީ އިންތިޚާބާ ހަމަ އަށް ޝަރީއަތް ފަސްކޮށްދެވެން ނެތް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފަ އެވެ.
އިޖުރާއީ ނުކުތާއާ މެދު ޝަރީއަތުން ކަނޑައެޅިގޮތް އިއްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ ގާނޫނީ ގޮތުން ނަޝީދަކީ ރިޔާސީ ކެންޑިޑޭޓެއް ކަމަށް އަދި ބެލެވެން ނެތް ކަމަށާއި ސަބަބަކީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އިއުލާންކޮށްފައި ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކުރުމަށް ދައުލަތުން އެދެފި ނަމަ ޝަރީއަތުން އެގޮތަށް ކަނޑައެޅިދާނެ ކަމަށާއި ނަމަވެސް ދައުލަތުން އެގޮތަށް އެދިފައި ނުވާތީ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކުރެވޭނެ ޖާގަ ނެތްކަމަށް ޝަރީއަތުން ކަނޑައެޅީ ކަމަށެވެ.
އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމެވުމަށް ފަހު ފަނޑިޔާރު ސުޖާއު ވިދާޅުވީ އެ ނުކުތާއާ މެދު އިތުރަށް ވާހަކަ ދައްކަން ޝަރީތުން ފުރުސަތު ނާރުވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރުކުރެއްވުމަށް ފަހު ތަފްސީލީ ގޮތެއްގައި ދައުވާ އަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވާތީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ އެ ފުރުސަތު އެރުވުން ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ޖަވާބުދާރިނުވެ ނަޝީދާއި އެ މަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފަ އެވެ.
ފަނޑިޔާރުންނަށް އާދޭސް ދަންނަވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ނިންމި އިޖުރާއީ ނުކުތާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ގާނޫނު އަސާސީން އެމަނިކުފާނަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މިއަދު ޝަރީއަތް ކުރިއަށް ގެންދިޔުމަކީ އިޖުރާއީ ނުކުތާ އިސްތިއުނާފު ކުރުމުގެ ހައްގަށް އޮތް އުނިކަމެއް ކަމަށްވާތީ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ވަރަށް އިހްތިރާމާ އެކު އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދުގެ އެވާހަކަތަކަށް ފަހު ފަނޑިޔާރު ސުޖާއު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ނުވެއްޖެ ނަމަ ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީން ކަމަށްވާ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް އަތީފްގެ ހެކިބަސް ނެގުން ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން އެގޮތަށް އެންގެވުމާ އެކު ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ނަޝީދާ އެކު މަޝްވަރާ ކޮށްލެއްވުމަށް ފަސް މިނެޓްގެ ހުސްވަގުތުކޮޅަކަށް އެދިވަޑައިގެންނެވި އެވެ.
ނަޝީދުގެ ގާނޫނީ ޓީމުން އެދިވަޑައިގަތް ގޮތަށް ހުސްވަގުތުކޮޅު ދެއްވުމަށް ފަހު ޝަރީއަތް ފެށުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ނިންމީ އެމަނިކުފާނުގެ ޝަރީއަތް ހަތަރު ހަފްތާ އަށް ފަސްކުރުމަށެވެ. އެގޮތަށް ބެންޗުން ނިންމާފައި ވަނީ ހަތަރު ހަފްތާ އަށް ނަމަވެސް ޝަރީއަތް ފަސްކޮށްދިނުމަށް އެދިވަޑައިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ނަޝީދު ފޮނުވި ސިޓީއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލާއި ވާހަކަ ދެއްކުމުން އެކަމަށް އިއުތިރާޒެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ އެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި އެމްއެންޑީއެފް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބަހައްޓާފައިވާތީ އެވެ.
މިއަދުގެ ޝަރީއަތަށް ފަހު ނަޝީދު ވަނީ ދޫކޮށްލައިފަ އެވެ.