ވެރިކަން ބަދަލުވި ދުވަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ގައިގައި ބަޔަކު ތަޅައި މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ޗީފް އިންސްޕެކްޓާ ހަސަން ހަނީފް ވިދާޅުވީ ފެބްރުއަރީގައި 7ގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މާރިއާ ދީދީގެ ގައިގައި ތެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ހާދިސާތަކާ ގުޅުން ހުރި ވީޑިއޯތައް ބަލައި ދިރާސާ ކުރުމަށް ފަހު މިމަހުގެ 4 ވަނަ ދުވަހު ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ ބަންދަށް މުއްދަތު އިތުރު ކޮށްފައި ވަނީ ކިހާ ދުވަހަކަށް ކަމެއް ސާފެއްނުވެ އެވެ.

ޖުމްހޫރީ މައިދާނުގައި އެ ދުވަހު ހިނގައި ދިޔަ ކަންތައްތަކުގައި ވީޑިއޯތައް ބެލުމަށް ފަހު މާރިޔާ ދީދީއަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ތަހުގީގަށް މީހަކު ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ. އެ މައްސަލައިގައި މީގެ ކުރިން މީހަކާ ފުލުހުން ސުވާލުކޮށްފައެއްނުވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުން އިސްތިއުފާދެއްވި ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނު ސަރަހައްދަށް އެއްވި އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކާ އޭރު އޮތް ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި އާންމުންގެ ބަޔަކާ ދެމެދު ވަނީ ތަޅައިމާރާމާރީ ހިންގައިފަވެ އެވެ. އަދި އެ ސަރަހަށްދަށް އޭރު އެއްވެފައި ތިބި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމުންނާ ދެމެދު ވެސް އެދުވަހު ވަނީ މާރާމާރީ ހިންގާފަ އެވެ.

މާރިޔާ ދީދީއަށް ހަމަލަދީ މާރާމާރީ ހިންގިތާ އަހަރެއް ވާންކައިރިވެފައި ވަނިކޮށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް ފުލުހުން ތަހުގީގު ފަށާފައިވާ އިރު، ފެބްރުއަރީ ހަތެއް އަށެއްގައި ހިނގާދިޔަ ކަންތައްތައް ފުލުހުން ތަހުގީގު ކުރަމުންނުދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.