ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފެއްދުމަށް މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވާލި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން ކޮމެޓީ އަށް ފޮނުވައިފި އެވެ.

އެ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީ ތަޅުމަށް އިއްވެވުމަށް ފަހު، މެންބަރުން ކުރެއްވި ބަހުސްއަށް ފަހު އެ ބިލް ވަނީ އިގްތިސާދީ ކޮމެޓީ އަށް ފޮނުވުމަށް ފާސްކޮށްފަ އެވެ.

އެ ބިލް ކޮމެޓީ އަށް ފޮނުއްވުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެޑައިގެންނެވި 43 މެންބަރުންގެ ވޯޓު ދެއްވީ އެ ބިލް ކޮމެޓީ އަށް ފޮނުވުމަށެވެ. އަދި އެ ބިލް ކޮމެޓީ އަށް ފޮނުވުމާ ދެކޮޅަށް ހަތް މެންބަރުން ވޯޓު ދެއްވި އިރު، ފަސް މެންބަރުން ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ޕޭ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަންގެ ރައީސްއަކަށް އަޔަން ކުރަންވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމިތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރުންނަށް މުސާރަ ކަނޑައަޅުއް ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޭ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީވެފައި އޮތަސް، އެ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

އަށާ ވީސް މާއްދާއެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި "ކޮންސިއުމާ ޕްރައިސް އިންޑެކްސް"އާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަންވާނެ އެވެ. އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ދިރިއުޅެން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިނާޔަތަތްތަކަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ލިބޭ އިނާޔަތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ދައުލަތައް ލިބިދޭ އާމްދަނީ އަށް ބަލައި މުޅި ދައުލަތުގެ މުވައްޒަފުންނަށް ކަނޑައަޅާ މުސާރައަކީ އިޖުތިމާއީ އަދި އިގްތިސާދީ އަދާލަތުގެ މިންގަނޑުން ބަލާ އިރު، ގައުމުގެ މުއްސަނދިކަން ވީހާ ވެސް ގިނަ ފަރާތްތަކަކަށް ބެހިގެންދާ ފަދަ މުސާރައެއް ކަނޑައަޅަންވާނެ ކަމަށް ޕޭ ކޮމިޝަނަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި މުސާރައިގެ ސިޔާސަތުގެ ބިލުގެ 18 ވަނަ މާއްދާގައިވާ ގޮތުން މުސާރައިގެ ސިޔާސަތުތަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުންތަކަށް އަމަލު ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ.

އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްތީގުކޮށް، ގާނޫނަކަށް ވުމުން 14 ގާނޫނެއްގެ 21 މާއްދާއެއް ބާތިލްވާނެ އެވެ. އެއީ އެ ގާނޫނުތަކުގައި މުވައްޒަފުންގެ މުސާރަ އާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ މާއްދާތަކެވެ.

އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނާއި ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ ގާނޫނާއި ޖުޑީޝަން ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނާއި ދިވެހި ރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 21 މާއްދާއެއް ބާތިލުވާނެ އެވެ.

މިއަދު ބޭއްވި ޖަލްސާގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގިނަ ބާރުތަކެއް ލިބިދޭ ގޮތަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ބިލް ވެސް މަޖިލީހަށް ބަލައިގެންފަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމުން އެ ބިލް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުއްވާލައްވާފަ އެވެ.