ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި ދުވަސްވަރު ހިނގަމުން ދާ ހަމަނުޖެހުންތައް ބޭރުގެ ފަރާތްތަކުން ބަލަމުން ދާ ކަމަށާއި، މިދިޔަ އަހަރު ފެނުނު ކަހަލަ ކަންބޮޑުވުންތަކެއް މި އަހަރު އެ ފަރާތްތަކުން ފާޅު ކުރަމުން ނުދާ ކަމަށް ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅު ވެއްޖެ އެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕީޕީއެމްގެ އަންހެނުންގެ ގޮފިން އިސް ނަގައިގެން މާދަމާ ރޭ އާޓިފިޝަލް ބީޗްގައި ބާއްވަން ތައްޔާރު ވަމުންދާ ޖަލްސާއާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ވަކި ވަކި ގައުމުތަކަށް ބަލައިލިއަސް ނުވަތަ ޖަމިއްޔާ ތަކަށް ބަލައިލިއަސް މިދިޔަ އަހަރާ ޚިލާފަށް މި އަހަރު ބުނަމުން ގެންދަނީ ހަމަ އެއް ވާހަކަތަކެއް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން މިދާ ކަންތައްތައް ބޭރުގެ ފަރާތްތަކުން ގެންދަނީ ބަލަމުން. މިދިޔަ އަހަރު ފެނުނު ކަހަލަ ކަންބޮޑުވުންތަކެއް ފާޅު ކުރަމުން ގެންދާ ތަނެއް އަޅުގަނޑު މެންނަކަށް ނުފެނޭ. ވަކިވަކި ގައުމުތަކުން ވިޔަސް ނުވަތަ ކޮމަންވެލްތް، ޔޫ އެން ތަންތަނުން ވެސް. ހަމަ އެކަނި ވިދާޅުވަމުން ގެންދަވަނީ ޑިއު ޕްރޮސެސް، ފެއަރ ޓްރައިލް ދެއްތޯ،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑު ނުވުމަށް ބޭރުގެ ފަރާތްތަކަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގައި އޮތީ ގާނޫނީ އިމުގެ ތެރެއިން ހަރަކާތް ތެރިވާ ވަރަށް ގާބިލް ޕޮލިސް ފޯސްއެއް ކަމަށް އެ ފަރާތް ތަކުގައި ދަންނަވާފައި ވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ޝަރުއީ ނިޒާމްގެ ތެރެއިން ރައީސް ނަޝީދުއަށް ލިބޭން ޖެހޭ ހުރިހާ ރައްކާތެރި ކަމެއް އަރުވާނެ ކަމުގެ ޔަގީންކަން ވެސް ބޭރުގެ ފަރާތްތަކަށް ދީފައި ވާނެ ކަމަށެވެ.

ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އަށ ވަނަ ދުވަހެވެ. އެ ދުވަހާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވީ ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ހިންގާން ރާވަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އަންހެނުންގެ ދުވަސް ފާހަގަ ކުރަމުން އަންނަތާ މި އަހަރަށް މިވީ ތިރީސް އަހަރެވެ.