އާންމުންގެ ޚިޔާލަން ހުޅުވާލާފައިވާ ގާނޫނުލް އުގޫބާތުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާ ގޮތަށް އަވަސްކޮށްފި އެވެ.

ކުރިން ހަމަޖައްސާފައިވަނީ އެ ބިލުގެ ދެލިކޮޕީ އަށް ހިޔާލު ހޯދުން މިމަހުގެ 31ގެ ނިޔަލަށް ހަމަވާ ގޮތަށެވެ.

މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ގާނޫނުލްއުގޫބާތުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާ ކަމަށެވެ. އަދި އެގޮތަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ބަންދުކުރަށް ނިންމީ އެ ބިލު އަވަސް ކޮށްދެއްވުމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށް ވެސް އަމީން އާންމު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމުންގެ ހިޔާލަށް ހުޅުވާލި ގާނޫނުލްއުގޫބާތުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާގޮތަށް މަޖިލީހުން ނިންމުމާ ގުޅިގެން ޖަމިއްޔަތުއް ސަލަފުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް މިއަދު ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމި ނިންމުމުގެ އަޑީގައި ފޮރުވިފައިވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ބެލުމެއްނެތި، ރާއްޖެއިން އިސްލާމީ ޝަރީޢަތުގެ ކަންކަން ފަނޑުކުރުމަށް ކުރެވެމުންދާ ހީލަތްތެރި ރޭވުންކަމުގައި ނޫނީ ނުބެލެވޭނެ ކަމަށެވެ.

ޖަމިއްޔަތުއް ސަލަފުގެ ބަޔާނުގައި ވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖޭގައި ހަދާ ކޮންމެ ޤާނޫނަކީ ވެސް އިސްލާމީ ޝަރީޢަތުގެ އުސޫލުތަކުގެ ދަށުން ހެދޭ ޤާނޫނެއްކަން ކަށަވަރު ކުރުމަށްޓަކައި، އިސްލާމީ ޝަރީޢާ ކިޔަވައިވިދާޅުވެގެން ތިއްބެވި ދީނީ ޢިލްމުވެރިންގެ ލަފާ މަޖުލީހަށް ހޯދަން ލާޒިމުވާ ގޮތަށް، ރާއްޖޭގެ ޤާނޫނު ހެދުމުގެ ނިޒާމު ބައްޓަން ކުރުމަށް ކަމާބެހެ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

އާންމުންގެ ހިޔާލަށް ގާނޫނުލް އުގޫބާތުގެ ބިލު ހުޅުވާލުމާއި ގުޅިގެން، އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ކަނޑިން ޖަހައި ބޯ ކަނޑާލައިގެންނާއި ބަޑި ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަރުގެ ކުށާއި، އެ ކުށާގުޅޭ އެހެނިހެން އުސޫލުތައް ކަނޑައެޅުމުގެ ބިލަށް ޖަމިއްޔަތުއްސަލަފުން ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

މީގެ ހަތް އަހަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލް އުގޫބާތުގެ ބިލް މަޖިލީހުން ދިރާސާކޮށް ނިންމައި، މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށް، އެ ބިލުގައި ބުނެފައިވެ އެވެ.
އަދި އެ ބިލުގެ ޑްރާފްޓުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށެވެ. އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ބުނެ އެވެ.

މީހަކު މަރާލި ގާތިލަކަށް ލިބޭ އަދަބު ލުއި ކުރާނެ އުސޫލު ބަޔާންކޮށް ބިލުގައި ބުނެފައި ވަނީ ފަރުވާކުޑަ އަމަލަކުން މީހާކު މަރުވާން ދިމާވުމުން ސިކުނޑިއަށް ނުވަތަ ޖަޒުބާތައް އިންތިހާ އަށް އަސަރުކޮށްފައިވާ ހާލަތްތަކުގައި މީހަކު މަރާލި ކަމުގެ ކުށަކަށް ނުވާނެ ކަމަށެވެ.

އާންމުންގެ ހިޔާލަށް ހުޅުވާލި ގާނޫނުލް އުގޫބާތުގެ ޑްރާފްޓްގައި އަދި ވަނީ ރާއްޖޭގެ ވެރިކަމާ ދެކޮޅަށް ބަޣާވާތްކޮށް ނުވަތަ ރާއްޖޭގެ އެއްވެސް ބައެއް ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވަނިކޮށް، އާ ގާނޫނުލް އުގޫބާތުގެ ބިލުގައި ބަޣާވާތުގެ އަދަބު ވެސް ލުއިކޮށްދީފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުން ފެށިގެން މިހާރު ވެސް އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތާ މުޅިން ތަފާތު، އާ ގާނޫނުލް އުގޫބާތުގެ ޑްރާފްޓައި ބަޣާވާތުގައި ބައިވެރިވި ކަމަށް ވަނީ ސަރުކާރު ވައްޓާލުމުގައި އަމަލީ ގޮތުން ބައިވެރިވުމުންނެވެ. އަދި އެފަދަ ކުށެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ޖަލު ހުކުމެއް އެ މީހެއްގެ މައްޗަށް އަންނާނެ އެވެ.

ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ޗެޕްޓާ އެކެއްގެ 37 ވަނަ މާއްދާގައި ބުނަނީ ރާއްޖެއިން ބޭރުގަ އާއި ރާއްޖޭގައި ވެސް ގައުމުގެ ވެރިކަމަށް، މިނިވަން ކަމަށް ނުވަތަ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ރާއްޖޭގެ އެއްވެސް ބައެއް ވެރިކަމުގެ ބާރުން ނެއްޓިދާފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ މަރު ކަމަށެވެ. އަދި އެފަދަ އަމަލެއްގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް އެއީ ކަމަށް އެ ގާނޫނުގައި ބުނެ އެވެ.