06 Mar 2013, 16:27
ކުނިގޮނޑުން އަރާ ދުމުގެ އަސަރުކޮށް އިމާދުއްދީން ސްކޫލްގެ ގިނަ ކުދިންތަކަކަށް ކުއްލި ފަރުވާ ދޭންޖެހި އެ ސްކޫލްގެ ކިޔެވުން މެދު ކަނޑާލަން ޖެހުމުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީން) އިން އާއި އަދާލަތު ޕާޓިން އެކަންކަމާ ހިތާމަކޮށް އިންތިހާ ދަރަޖައަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިމާދުއްދީން ސުކޫލްގެ ދަރިވަރިންނާއި އެ ސްކޫލްގެ އެހެނިހެން މުވައްޒަފުންނަށް މިއަދު ކުރިމަތި ވެފައިވާ ވޭހުރި ކަންކަމާ މެދު އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މާލޭގެ ކުނިކޮށިން އަރާ ދުމުގެ ސަބަބުން އިމާދުއްދީން ސުކޫލުގެ ދަރިވަރުންނަށާއި މުދައްރިސުން އަދި މުވައްޒަފުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަ ގެއްލުންތަކެއްވެ، އެކަމާ ޒިންމާނަގަން ޖެހޭ ފަރާތްތަކުން އިހުމާލުވެފައިވާތީވެ އެ ޕާޓީން އެކަމާ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ވެސް އެބަޔާނުގައި ބުނެފައި ވަނީ، ކުނި ގޮނޑަކީ މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ތަނަކަށްވީި އިރު، އެކައުސިލުން ވެސް އެމީހުންގެ ޒިންމާ އަދާނުކުރާ ކަމަށެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު މެންދުރު ފަހު އޮތް ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ، މާލެ ތެރެ ހަލަބޮލިވާ ކޮންމެ ފަހަރަކު ކުނިގޮނޑުގައި ރޯވެ، އެގޮނޑުން އަރާ ދުމުގެ ސަބަބުން އިމާދުއްދީން ސްކޫލް ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެ ސްކޫލްގައި ކިޔަވަމުން އަންނަ ޅަދަރިންނަށް އެވާ ގެއްލުންތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި ސިޔާސީ މާދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެމީހުންގެ ނުހުރުމުގެ ޝުއޫރުތައް ފާޅުކުރުމަށް ކަމުގައި ވިޔަސް ވެސް، އެބާވަތުގެ ބިރުވެރި ނުރައްކާތެރި ކަންކަން ކުރުމަކީ ޑީއާރުޕީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ސިޔާސީ މާދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެމީހުންގެ ނުހުރުމުގެ ޝުއޫރުތައް ފާޅުކުރުމަށް ކަމުގައި ވިޔަސް ވެސް، ތަންތަނުގައި ރޯކުރުން އެބާވަތުގެ ބިރުވެރި ނުރައްކާތެރި ކަންކަން ކޮށްގެނެއް ނުވާނެ. އެހެން ކަމުން ގެއްލުން މިވަނީ އަޅުގަނޑުމެންގެ ޅަނަދަރިންނަށް. މިޕާޓީން އެކަމާ ނުހަނު ކަންބޮޑުވޭ. އަދި އެކަން މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭ ކުނިގޮނޑު ރޯވުމުގައި އެހެން މައްސަލައެއް ވެސް އެބޮތް ކަމަށާއި އެކަމަކީ މާލޭ ސިޓީ ކައުންސިލް ފޭލިވެފައިވުން ކަމަށެވެ. އަދި ދައުލަތުން ވެސް އެތައް މިލިއަން ރުފިޔާއެއް ކުނިގޮނޑު ސާފުކުރުމަށް ޓަކައި ހޭދަކުރަމުން އެބަދާ ކަމަށާއި އެހެން ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ނުވަނީ މާލޭ ސިޓީ ކައުންސިލްގެ ކަރަޕްޝަންގެ ކަންކަން ބޮޑުވެގެން ކަމަށް ވެސް މިއަދުގެ ޕްރެސް ކޮންފަރެސްގައި ޝަރީފް ފާހަގަ ކުރެއްވި އެވެ.
"މާލޭ ސިޓީ ކައުންސިލްގެ ކަރަޕްޝަންގެ ކަންކަން ބޮޑުވެ ހައްދުފަހަނާއަޅާ ދިއުމުން ދައުލަތުން އެ ހޭދަކުރާ ފައިސާގެ އަސްލު ރައްޔިތުންނަށް ފެންނަމުންނެއް ނުދޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ކުނިގޮނޑު ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް މާލޭ ސިޓީއާ އެކު އެތައް ފަހަރަކު މަސްވަރާ ކުރި. އެކަމަކު އަދިވެސް މިކަމަށް ހައްލެއް ނުލިބިގެން މިއުޅެނީ. އަދި ކުނިގޮނޑު އެކަށީގެންވާ ގޮތަށް ހައްލުކުރުމަށް ސިޓީ ކައުންސިލުން މައްސައްކަތް ނުކުރާކަން ވެސް ފާހަގަ ކުރަން،" މިއަދުގެ ނޫސްކޮންފަރެންގައި ޝަރީފް ވިދާޅުވި އެވެ.
މާލޭ ކުނިގޮނޑުން އަރާ ދުމަށް ކެތްނުކުރެވިގެން އިމާދުއްދީން ސުކޫލްގެ ކިޔެވުން ވެސް މިއަދު ހުއްޓާލާފައިވާ އިރު، އެ ސްކޫލްގެ ބެލެނިވެރިން މިއަދު ވަނީ އެކަމާ އިހްތިޖާޖް ކުރުމަށް މާލޭސިޓީ ކައުންސިލް ދޮށަށް އެއްވެ، ޝުއޫރު ފާޅުކޮށްފަ އެވެ.
މާލޭގެ އެއް ނަމް ބަރު ކުނިކޮށި ފުރިގެން އުދަގޫތައް ބޮޑުވެފައިވަނިކޮށް ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ކުރުމަށް ވަގުތީ ހައްލެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް އަށް މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވަނީ ދީފަ އެވެ. އަދި މިހާރު ވަނީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ފަށައި ވެސް ފަ އެވެ.