އޮޑިޓާ ޖެނެރަލަކަށް ހުށަހަޅާފައިވާ އަލީ ރަޝީދު އުމަރާ ބެހޭ ކޮމެޓީ ރިޕޯޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާތީ ކޯޅުން ބޮޑުވެގެން، ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ނިންމަވާލައްވައިފި އެވެ.


އަލީ ރަޝީދު އުމަރާ ބެހޭ ކޮމެޓީ ރިޕޯޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާތީ، އެމްޑީޕީ މެންބަރުން ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ، އިހަވަންދޫ ދާއިރާގެ އަހުމަދު އަބުދުﷲ އާއި ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒާއި  މާފަންނު ދެކުނު ދާއިރާގެ އިބުރާހިމް ރަޝީދާއި ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބާއި ކެނދިކުޅުދޫ ދާއިރާގެ އަހުމަދު އީސަ، ފުލު ފުލުގައި ނިޒާމީ މައްސަލަ ނަންގަވައި، ވިދާޅުވަމުން ގެންދެވީ، މާލިއްޔަތު ކޮމިޓީގެ ރިޕޯޓް އޮތީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެރިޕޯޓާ ބެހޭ މައްސަލަ ބެލުމަށް އެދި އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް އެ ރިޕޯޓްގެ މައްސަލަ އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަލީ ރަޝީދުގެ މައްސަލައަކީ، ކޮމިޓީގައި އަލުން ބަހުސް ކުރުމަށް ހަމަޖައްސާފައިވާ މައްސަލައެއް ކަމަށާއި ކޮމިޓީގެ ޔައުމިއްޔާ އިން ވެސް އެކަން އެނގޭއިރު އެ މައްސަލަ ކޮމިޓީގައި ބަހުސް ނުކޮށް މަޖިލީހުގެ ތަޅުމަށް ގެނައުމަކީ ގަވާއިދާ ހިލާފަށްކޮފައިވާކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


އެމްޑީޕީ މެންބަރުން ނިޒާމީ  މައްސަލަތައް ނަންގަވަން ފެއްޓެވުމުން އެ މެންބަރުންނާ ދެކޮޅަށް ނިޒާމީ މައްސަލަ ނަންގަވައި، ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޑީއާރުޕީން ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ އެތައް ފައިސާއެއް ބޭކާރުކޮށްލަމުން ދާކަމަށެވެ.


ނިޒާމީ ނުކުތާ ނަންގަވައި، އެމްޑީޕީ މެންބަރުން ކުރެއްވި، ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ރޭ ލިބުނު ސިޓީއަކާ ގުޅިގެން އެ މައްސަލަ އަލުން ދިރާސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެ މައްސަލަ ހިމަނައިގެން އެޖެންޑާ ނިކުމެފައިވަނީ އެސިޓީ ލިބިވަޑައިގަތުމުގެ ކުރިން ކަމުގައި ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެ މައްސަލަ އެޖެންޑާކޮށްފައި އޮތް ނަމަވެސް އެޖެންޑާގައިވާ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ފުރުސަތު ދެއްވުމަށާއި، އެ މައްސަލައާ ބެހޭ ގޮތުން ނިޒާމީ މައްސަލަ ދެއްވާނީ، އެ މައްސަލައެޖެންޑާކޮށްފައިވާ ހިސާބަށް ދިއުމުން ކަމަށް ވެސް ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް މެންބަރުން އަޑުގަދަ ކުރައްވައި، ރިޔާސަތަށް ކިޔަމަންވެވަޑާއިނުގެންނެވުމުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި ޖަލްސާ ކުރިއަށްގެންދިއުމަށް ފުރުސަތު ދެއްވުމަށް މެންބަރުންނަށް ތަކުރާރުކޮށް ދެންނެވުމަށް ފަހު، ޖަލްސާ ކުރިއަށްގެންދެވޭ ވަރު ނުވެގެން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޖަލްސާ ނިންމަވައިލެއްވީ 9:23 ގަ އެވެ.


މިއަދުގެ ޖަލްސާގައި އަތޮޅު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ އިންތިހާބު 31 ޑިސެމްބަރުގެކުރިން ނިންމަންޖެހޭނެ ކަމަށް ސަރުކާރަށް ލާޒިމްކުރުމަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހް ހެނައުމުގެ ބިލެއް ހުށަހެޅުންވެސް އޮތެވެ. ނަމަވެސް އެ ބިލު ހުށަހެޅުއްވުމަށް، ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒަށް ރިޔާސަތުން ފުރުސަތު ދެއްވިނަމަވެސް މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދެވުމުގެ ސަބަބުން އެ ބިލް މަޖިލީގަށް ހުށަހަޅުއްވައި ނިންމަވާފައެއްނުވެފަ އެވެ.


މުޖުތާޒު ވިދާޅުވީ، މި ބިލަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލް ތަސްދީގު ކުރެއްވުން، ރައީސް ނަޝީދު ލަސް ކުރެއްވުމާއި ގުޅިގެންނާއި، މީހުން އުޅޭ ރަށްރަށް ގެޒެޓްގައި އަދިވެސް ޝާއިއު ކުރައްވާފައި ނުވާތީ ހުށަހެޅުއްވި ބިލެއް ކަމަށެވެ.


އޮޑިޓަރ ޖެނެރަލަށް ރުހުން ދިނުމުގެ މައްސަލައާ ގުޅިގެން މެންބަރުން ނިޒާމު ގެއްލުވައި ލުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ވެސް ވަނީ ނިންމައިލައްވަން ޖެހިވަޑައިގެންފަ އެވެ. އިއްޔެގެ ޖަލްސާ ނިންމަވާލެއްވީ، މެންބަރުންނަށް އިންޒާރު ދެއްވުމަށް ފަހު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދުގެ ނަން ވަނީ އިއްވަވައިފަ، ނަމަވެސް ސިފައިން ފޮނުވައިގެން ވެސް އޭނާ ޖަލްސާކުރާ މާލަމުން ނުނިކުންނެވުމުންނެވެ.