06 Mar 2013, 16:22
ގައުމީ ފެންވަރުގައި މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހު 19އިން 22ށް ނ އަތޮޅު މަނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކާއި ޖަލްސާ ފަސްކޮށްފި ކަން ސަންއަށް ކަށަވަރު ވެއްޖެ އެވެ.
ސަންއަށް ކަށަވަރުވެފައިވާގޮތުގައި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ޒުވާނުންނާ ބެހޭ ވުޒާރާއިން ފަސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ތާރީހުގައި އެޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވެން ނެތުމުގެ ސަބަބުންނެވެ. އަދި އެމަނިކުފާނަށް އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވެން އޮތީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ކަމަށްވުމުން މިހާރު ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ކަން ވެސް ވަރަށް މުއުތަބަރު ގޮތެއްގައި ސަންއަށް ވަނީ ކަށަވަރުވެފަ އެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ނ. މަނަދޫގައި ފާހަގަކުރުމަށް މަނަދޫ އާއި ޒުވާނުންނާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއްބަސް ވުމުގައި ޒުވާނުންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު ޢަބްދުﷲ ރިފާޢު އެވެ. އަދި މަނަދޫގެ ފަރާތުން ސޮއިކުރެއްވީ މަނަދޫ ކައުންސިލްގެ މެންބަރު ޢަބްދުލް ޙަމީދު ޙުސައިން އެވެ.
ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ ޖަލްސާގައި ޒުވާނުންގެ ގައުމީ އިނާމް ދިނުމާއި އަދި އަތޮޅު ފެންވަރުގައި ތަފާތު ހަރަކާތައް ކުރިއަށްގެންދިއުމަށްވެސް ޒުވާނުންގެ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.
ކުރީގެ ސަރުކާރުން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އ.ދއިން ބައިނަލްއަގްވާމީ ގޮތުން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޯގަސްޓު މަހުގެ 12 ވަނަ ދުވަހެވެ.