06 Mar 2013, 16:15
މާލޭ އެއް ނަމްބަރު ކުނިކޮށިން އަރާ ދުމާ ހެދި އިމާދުއްދީން ސްކޫލް ކުދިންގެ ކިޔެވުން ހުއްޓާލަން ޖެހުނު މައްސަލައާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން މުޒާހަރާކޮށްފި އެވެ.
ކުނިކޮށިން އަރާ ދުމުގެ ސަބަބުން ކިޔަވައިނުދެވިގެން އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅި ވަކި ހިސާބަކުން ހުއްޓާލި އިރު މެންދުރު ފަހު ދަންފަޅީގެ ކިޔެވުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އަދި ދުމުގެ އަސަރުކޮށް ޓީޗަރަކު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ އިރު، 50 ވަރަކަށް ކުދިންނަށް ވަނީ ފަރުވާދީފަ އެވެ.
އިމާދުއްދީން ސްކޫލް ކުދިން ކިޔެވުމުގެ ހައްގުން މަހުރޫމްވަމުންދާތީ އެކަމާ ގުޅޭ ގޮތުން އެ ސްކޫލްގެ ބެލެނިވެރިން ވަނީ ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލް ދޮށުގައި މުޒާހަރާކޮށް އަޑުއުފުލައިފަ އެވެ.
އިމާދުއްދީން ސްކޫލް ކުދިންގެ ބެލެނިވެރިން ކުރި މުޒާހަރާއާ ގުޅިގެން އެކަން ވަނީ އެވަގުތު ކުރިއަށްދިޔަ މަޖިލީހުގެ ސަމާލުކަމަށް އައިސްފަ އެވެ.
މުޒާހަރާ ކުރި ބެލެނިވެރިން ހިފައިގެން ތިބި ކަރުދާސްތަކުގައި "އަޅުގަނޑުމެންގެ ދަރިންގެ އަސާސީ ހައްގު ކަށަވަރުކޮށްދީ" އަދި "އިމާދުއްދީން ސްކޫލް ކުދިންގެ ހައްގުކޮބާ" ފަދަ ލިޔުންތައް ހިފައިގެން ތިބި ބެލެނިވެރިން ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.
އެއްނަމްބަރު ކުނިކޮށި ހުސްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލަށް އަށް މިލިއަން ރުފިޔާ ދީފަ އެވެ.
އިމާދުއްދީން ސްކޫލްގެ ބެލެނިވެރިއަކު ބުނީ ސިޓީ ކައުންސިލާ ބައްދަލުކުރުމުން ކައުންސިލްގެ މޭޔަރު އަލިބެ ވިދާޅުވެފައި ވަނީ އެކަށީގެންވާ ގޮތެއްގައި ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ކުރިއަށް ނުދަނީ ވަސީލަތްތައް ނެތުމުން ކަމަށެވެ. އަދި ކުނި އުފުލުމަށް އެންމެ ބާޖެއް ބޭނުން ކުރަމުންދާ އިރު، ކުނިތައް ހިފައިގެން ދިއުމަށް ދެ ދުވަސް ނަގާ އިރު، ބާޖުން ކުނި ހުސްކުރުމަށް ތިން ދުވަސް ނަގާ ކަމަށް ވެސް އަލިބެ ވިދާޅުވެފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ މިހާރު ވެސް އެކަމާ ގުޅޭ ބައްދަލުވުމެއް ކުރިއަށްދާތީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެވޭނީ ގާތްގަނޑަކަށް 30 މިނެޓް ފަހުން ކަމަށެވެ.