މާލެއަތޮޅުގެ ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރްޑީސީ) އާ ދެމެދު 1.76 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރެވޭ ހަތަރު ދަނޑަކީ ހުރާ، ތުލުސްދޫ، މާފުށި އަދި ހިންމަފުށީ ފުޓްބޯޅަ ދަނޑެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކުޅިވަރާބެހޭ ވުޒާރާއިން އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. އަދި އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ފައިބެ އަހަރު އެވުޒާރާގެ ފަރާތުން މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ހެން ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ދަނޑުތަކާއި އަދި އެ ވުޒާރާއާ ގުޅުންހުރި ކަންތައްތައް ވަރަށް ގާތުން ބެއްލެވި ކަމަށާއި އަދި އެކަންކަން ހައްލު ކުރެއްވުމަށްޓަކައި އެ ވުޒާރާއިން ވޭތުވެ ދިޔަ އަހަރާއި އަދި މިއަހަރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

"2012 ވަނަ އަހަރު އަޅުގަނޑުމެން މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ކުރިން. އަޅުގަނޑުމެންގެ އެދަތުރުގައި ފާހަގަ ކުރެވުނީ މާލެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ފުޓްބޯޅަ ދަނޑުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫންކަން. ވަކިން ހާއްސަކޮށް ދަނޑުތަކުގެ ލެވެލިންގެ މައްސަލަތަކެއް އުޅޭކަން. އެގޮތުން އަޅުގަނޑުމެން އެކި ގޮތްގޮތުން މައްސަލަތައް ހައްލު ކުރެވޭތޯ ބެލިން. އަޅުގަނޑުމެންގެ މިނިސްޓްރީގެ ޓެކްނިކަލް ކޮމެޓީ، އެއީ އަތޮޅުތަކުގެ ކުޅިވަރު ތަރައްގީކުރުމާ ބެހޭ ކޮމެޓީގެ ބޭފުޅުން އެކި ގޮތްގޮތުން ދިރާސާ ކުރައްވައިގެން ވަކިވަކި ރަށްރަށް އަޅުގަނޑުމެން މަސައްކަތް ކޮށްގެން ހައްލުކުރެވޭތޯ މަސައްކަތް ކުރިން" މުންދު ވިދާޅުވި އެވެ.

އަދި މަސައްކަތުގައި އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ މަސައްކަތް ކުރާނޭ ސާމާނު އެ ވުޒާރާގައި ނެތުމުން ކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތާ ކުރިމަތިލީ އިރު އެންމެ ބޮޑު ދައްޗަކަށް ދިމާވީ އަދި މިހާރުވެސް ދިމާވާ ކަމަކީ އަޅުގަނޑުމެންގެ މިނިސްޓްރީ އަކީ ހަގީގަތުގައި އުމްރާނީ އުޅަނދުފަހަރު ގެންގުޅޭ ތަނަކަށް ނުވާތީ. އެއީ އަތޮޅުތަކުގެ ބޯޅަދަނޑުތައް ތަރައްގީ ކުރުމަށް ބަލާއިރު އެއީ ވަރަށްބޮޑު ތަސައްވުރަކާ ގުޅިފައިވާ ކަމެއް. އެކަން ކުރާން އަޅުގަނޑުމެން ބަލާއިރު އަޅުގަނޑުމެންނަކީ އެކްސްކަވޭޓަރާ މިބާވަތުގެ އުމްރާނީ އުޅަނދުފަހަރު ގެންގުޅޭ ބައެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ބޭނުންވާ ހަލުއިމިނުގައި ބޯޅަދަނޑުތައް ތަރައްގީކުރުމަށް އަތޮޅުތަކުގެ ކައުންސިލްތަކާއި ޒުވާނުން އެދިވަޑައިގަންނަވާ ފެންވަރަށް އެކަންކަން ކުރުމަށް އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ހުރަސް މިދަންނަވާލީ،" ވަޒީރު ވިދާޅުވި އެވެ.

އެފަދަ ދަތިތައް ހުރުމާއެކު މުންދު ވިދާޅުވީ އެ ވުޒާރާއިން މަސައްކަތްތައް ރާވާއިރު އަތޮޅުތަކުގައި މަގުހެދުމާއި ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައި އެފަދަ މަސައްކަތް ކުރެވުމުންދާ އަތޮޅުތަކުގައި މިފަދަ ކަންކަމަށް ބޭނުންވާ ރަށްރަށުގައި މަސައްކަތް ކުރެއްވުމަށް އިސްކަން ދެއްވަނީ ކަމަށެވެ. އެގޮތުން އެފަދަ މަޝްރޫއުތައް ކުރިއަށްގެންދާ ކުންފުނިތަކާއި ރަށްރަށުގެ ކައުންސިލާ ގުޅިގެން އެވުޒާރާގެ މަސައްކަތްތައް ކުރެވޭނޭ ގޮތެއް ރާއްވަވަނީ ކަމަށްވެސް ވިދާޅުވި އެވެ. އަދި މުންދު ވިދާޅުވީ އެވުޒާރާއިން ހުސްވި އަހަރުގައި "ރާއްޖޭގެ 60 ރަށަކަށް އިރާދަކުރަށްވައިގެން ހިދުމަތް ދެވުނު" ކަމަށެވެ.

އެމްއާރްޑީސީގެ މެނެޖިންގް ޑައިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ މަސައްކަތް ހަވާލުވުމަށް ސޮއިކުރެވޭތާ 20 ދުވަހުގެ ތެރޭގައި ފުރަތަމަ ރަށުގެ މަސައްކަތް ފޭށޭނޭ ކަމަށާއި އަދި ތިން މަސްދުވަހުގެ ތެރޭގައި އެ ހަތަރު ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނޭ ކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހުރާގެ ދަނޑު ތަރަށްގީ ކުރުމަށް ހަމަޖެހިފަވާ ބަޖެޓަކީ 438285 ރުފިޔާ އެވެ. އަދި ތުލުސްދޫގެ ދަނޑު ތަރަށްގީ ކުރުމަށް 446786 ރުފިޔާ އާއި މާފުށީ ދަނޑު ތަރައްގީ ކުރުމަށް 439632 ރުފިޔާގެ އިތުރުން ހިންމަފުށީ ދަނޑު ތަރައްގީ ކުރުމަށް 438285 ރުފިޔާ އެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި، ޒުވާނުންނާއި އަދި ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކުޅިވަރު ކުޅުމާއި އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެވުޒާރާއިން ކުރައްވާން ރާއްވަވާފައިވާ ކަމަށާއި އަދި މިހާރުވެސް ގިނަގުނަ މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެވެ.