ހިއުމަން ޓްރެފިކިން ނުވަތަ މިނިފާރި ކުރުމަކީ ކުށެއް ކަމަށާއި އެފަދަ ކުށެއްކޮށްފި މީހެއްގެ އަދަބަކީ ހަތް އަރާއި 10 އަހަރާއި 15 އަހަރަށް ޖަލަށްލުން ކަމަށް ކަނޑައަޅާފައިވާ ބިލަށް މަޖިލީހުގެ މެންބަރުން ތާއިދުކޮށް ވާހަކަފުޅު ދައްކަވައިފި އެވެ.

މިހާތަނަށް ރާއްޖޭގެ ގާނޫނެއްގައި ހިއުމަން ޓްރެފިންއަކީ ކުށެއް ކަމަށް ކަނޑައަޅާފައި ނުވާތީ ހިއުމަން ޓްރެފިކިންއަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހަނިމާދޫ ދާޢިރާގެ މެންބަރު މެމްބަރު މުހައްމަދު މުޖުތާޒު ހުށަހެޅުއްވި ބިލަށް ކިޔަނީ "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް" އެވެ.

އެބިލުގެ ބަހުސްގެ މަރުހަލާގައި ބިލަށް ވާހަކަފުޅު ދެއްވެކި ހުރިހާ މެންބަރުން ވެސް އެބިލަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. އަދި ރާއްޖޭގައި މިހާރު "ތޮއްޖެހި، ބާރުބޮޑުވެފައިވާ" ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ތެރޭގައި ބަނދެވިގެން ރާއްޖެ އައިސްފައިތިބި ބައެއް ކަމަށާއި އެ މީހުން ފަރާތުން "ނުރަގަނޅު" ސިފަތަކެއް ދިވެހި މުޖުތަމައުއަށް ފޯރަމުންދާ ކަމަށް މެންބަރުން ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ހިއުމަން ޓްރެފިކްކޮށްގެން ރާއްޖެ ގެންނަ މީހުން ބިންބޮޑު ރަށްތަކުގެ ވަލުތެރޭގައި އަމިއްލައަށް ގެއައި، ދިރިއުޅެމުންދާ ކަމަށާއި ރާއްޖެއަކީ ހިއުމަން ޓްރެފިކިންގެ ހާއްޔަކަށް ވުމުގެ ބިރު އޮތްތަނެއް ކަމަށެވެ.

މާވަދޫ ދާއިރާގެ މެންބަރު ވިދާޅުވީ ހިއުމަން ޓްރެފިކިން ކުށް ހުއްޓުވުމުގެ ބިލުގައި ގާނޫނީ ގޮތުން މައްސަލަތަކެއް ދިމާވާނެ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް ބިލުގެ މަގުސަތު ރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވީ ބިލުގައި ހުރި ބަސްތަކަކީ ގިނަ ބަސްތަކަކީ އިނގިރޭސީ ބަސްތަކެއް ކަމަށާއި ނަމަވެސް އެގޮތަށް އެ ބިލް ފާސް ކުރުމުގައި މާނަކުރުމުގެ މައްސަލަތަކެއް ދިމާވެދާނެތީ އިނގިރޭސީ ބަހުން ހުރި ބަސްތަށް ދިވެހި ބަހަށް ބަދަލު ކުރުން މުހިއްމު ކަމަށެވެ.

ބިލުގައިވާ ގޮތުން މީހަކަށް މުޖުބޫރު ކުރުވައިގެން ރޭވުމަކުން ނުވަތަ މަކަރާއި ހީލަތުން މީހަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުވުމަށް މަސައްކަތް ކުރާ މީހަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާ މީހެކެވެ. އަދި އެފަދަ ހީތަލްތެރި ރޭވުމަކުން މީހަކު ރާއްޖޭގެ އެއް ސަރަހައްދަކުން އަނެއް ސަރަހައްދަން ގެންދިއުން ވެސް އެއީ ހިއުމަން ޓްރެފިކިންގެ އަމަލެއްގައި ބައިވެރިވުމެވެ.

އެ ބިލުގައިވާ ގޮތުން ކުޑަކުއްޖަކު ޓްރެފިކް ކުރުމަކީ އެ ކުއްޖާގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވެދާނެ ނުވަތަ މަސައްކަތެއް އެ ކުއްޖާ ލައްވައި ކުރުވުން ނުވަތަ އެފަދަ ހިދުމަތެއް އެ ކުއްޖާގެ ފަރާތުން ހޯދުމެވެ.

ހިއުމަން ޓްރެފިކިންގެ އަދަބު ކަނޑައަޅާފައިވާ ބާބުގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކު ހިއުމަން ޓްރެފިކްކޮށްފި ނަމަ އެފަދަ މީހެއްގެ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އަމަލެއް ރޭވުމުގައި ބައިވެރިވެއްޖެ ނަމަ ހަތް އަހަރު ދުވަހަށް އެ މީހަކު ޖަލަށް ލެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އަމިއްލަ އަށް ރާވައިގެން މީހަކު ހިއުމަން ޓްރެފިކިންގައި ގެންގުޅެނިކޮށް އެ މީހަކު މަރުވެއްޖެ ނަމަ އެކަން ކުރި މީހަކު 15 އަހަރަށް ޖަލަށްލެވޭނެ ކަމަށާއި ހިއުމަން ޓްރެފިކް ކުރުމުގައި ހަތިޔާރު ބޭނުންކޮށްފި ނަމަ ވެސް 15 އަހަރަށް ޖަލަށްލެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

ހިއުމަން ޓްރެފިކިންގެ އަމަލެއް ކުރީ ގާނޫނު ތަފްޒީފު ކުރާ އިދާރާއެއްގެ މުވައްޒަފެއް ނަމަ އޭނާ ވެސް 15 އަހަށް ޖަލަށްލެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

ހިއުމަން ޓްރެފިކިންގައި އުޅޭ މީހުންނާއި ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިކަމާއި އެ މީހުން ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހިއުމަން ޓްރެފިކިން ހުއްޓުވުމާ ބެހޭ ކަންތައްތައް ވިލަރެސް ކުރާ 14 މެންބަރުންގެ ކޮމެޓީއެއް އުފައްދަންޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ. އެ ކޮމެޓީ އެކުލެވިގެން ވަނީ މަޖިލީހުގެ މެންބަރަކާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރަކާއި އެޗްއާރްސީއެމްގެ މެންބަރަކާއި ދާހިލީ ވުޒާރާގެ މުވައްޒަފަކާއި އޭޖީ އޮފީހުގެ ގާނޫނީ ވަކީލަކާއި ޕީޖީ އޮފީހުގެ ގާނޫނީ ވަކީލަކާއި އިމިގްރޭޝަންގެ މުވައްޒަފަކާއި ފޮރިން މިނިސްޓްރީގެ މުވައްޒަފަކާއި ފުލުހުންގެ އޮފިސަރަކާއި ކަސްޓަމްސްގެ އޮފިސަރަކާއި ލޭބާ ރިލޭޝަނުން ކަނޑައަޅާ މުވައްޒަފަކާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން އަމިއްލަ ޖަމިއްޔާއްގެ މެންބަރެކެވެ.

އެ ކޮމެޓީން ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ޓަކައި ގައުމީ އެކްޝަން ޕްލޭނެއް އަހަރަކު އެއްފަހަރު ކޮމެޓީން އެކުލަވާލަންވާނެ ކަމަށް ބިލުގައިބުނެ އެވެ. އަދި ކޮމެޓީގެ ރިޕޯޓެއް ކޮންމެ އަހަރު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ.