ހުޅުމާލޭ ކޯޓުގައި އޮންނަ ޝަރީއަތުގެ މަޖިލީހަށް މިއަދު ހަވީރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރު ކުރުމަށް ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ހައްޔަރު ކުރުމާ ގުޅިގެން މާލެ ތެރޭ އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި 79 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހައްޔަރު ކުރި 79 މީހުންގެ ތެރޭ ހިމެނެނީ 18 އަންހެނުންނާއި 61 ފިރިހެނުން ނެވެ. އެމީހުން ކޯޓަށް މިއަދުގެ ވަގުތެއްގައި ގެންދާނެ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭ ހިމެނޭ މީހުންނަކީ އިއްޔެ މާލެތެރޭ ހަމަނުޖެހުން ހިންގާ އެއްޗެހި ރޯކޮށް ހެދި މީހުން ކަމަށެވެ.

އިއްޔެ މާލެތެރޭ އެމްޑީޕީ އަށް ނިސްބަތްވާ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނާ ނޫސްވެރިންނަށް ވަނީ ހަމަލާދީފަ އެވެ.

މިއަދު ހަވީރު 4:00 އަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާގަ އެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން ނަޝީދުގެ ޝަރީއަތް ޝެޑިއުލްކުރި ނަމަވެސް އިންޑިއަން ހައިކޮމިޝަންގެ ތެރެއަށް ވަދެވަޑައިގެން ނަޝީދު ހުންނެވުމުން އެމަނިކުފާނު ހައްޔަރު ނުކުރެވޭތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.