ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވާތީ ނަޝީދު ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާއާ ގުޅިގެން މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޝަރީއަތަށް ނަޝީދު ބަންދުގައި ބަހައްޓަގައިގެން ހާޒިރުކޮށްދިނުމަށް އެދި ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ ގުޅިގެން ފުލުހުން ވަނީ ނަޝީދު ހައްޔަރުކުރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. ނަޝީދުގެ ގާނޫނީ ޓީމުން އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރު ކުރުމާ އެކު ނަޝީދުގެ ދޫކޮށްދިނުމަށް އެދި ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ހިސާން ހުސެއިން ހުށަހެޅުއްވި އެ މައްސަލައާ އެކު ނަޝީދު ބަންދުކޮށްފައިވާ ސަބަބަކާއި ތަނެއް ބަޔާންކޮށްދިނުމަށް އެދި ކޯޓުން ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހުން ކޯޓަށް އެމައުލޫމާތު ފޯރުކޮށްދީފައިވާއިރު ނަޝީދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވާތީ އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ނެތް ކަން ކޯޓުން ނަޝީދުގެ ގާނޫނީ ޓީމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ހުރި ކަމަށް ފުލުހުން ބުނީ، އެހެންވެ އެއީ ގާނޫނާ ހިލާފަށް ހައްޔަރުކުރި ހައްޔަރުކުރުމެއް ކަމަށް ކަނޑައަޅާނެ ޖާހައެއް ނެތް، ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާނަމަ އެމައްސަލަ ބެލިދާނެ، ނަމަވެސް އެކަން ހިންގާފައިވަނީ ގާނޫނާ އެއްގޮތަށް، ހުޅުމާލޭގެ ކޯޓުގެ އެއަމުރާ މެދު ގޮތެއް ނިންމަން ބޭނުންވާ ނަމަ އެކަން ދެން ނިންމަން ޖެހޭނީ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނީ ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާއާ ގުޅިގެން ދެ ފަހަރެއްގެ މަތިން ބޭއްވުމަށް ސެޑިއުލްކުރި ޝަރީއަތަކަށް ނަޝީދު ހާޒިރުވެވަޑައިގެންފައިނުވާތީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.