06 Mar 2013, 13:38
ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އެ ގައުމުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ހެޑްކުއާޓަރަށް، 2009 ވަނަ އަހަރުގެ މެއި މަހު ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރުވޭ ދިވެއްސަކަށް މާލީ ގޮތުން އެހީތެރިވުމުގެ ތުހުމަތުގައި ޕޯޓްލޭންޑްގެ އޮރެގަންގައި މަސައްކަތްކުރާ އަދި ޕާކިސްތާނަށް އުފަން އެމެރިކާގެ ރައްޔިތަކު ކަމަށް ވާ ރިޔާޒު ގާދިރު ޚާން، އެމެރިކާގެ އެފްބީއައި އިން އަންގާރަ ދުވަހު ހައްޔަރު ކޮށްފި އެވެ.
އުމުރުން 48 އަހަރުގެ ރިޔާޒު ގާދިރު ޚާން ހައްޔަރު ކޮށްފައިވަނީ 2009 ވަނަ އަހަރު ޕާކިސްތާނުގައި ޖާނުންފިދާވެގެން މީހަކު ދިން ބޮމުގެ ހަމަލާއެއްގައި 30 މީހުން މަރުވެ އިތުރު 300 މީހަކު ވަރަށްބޮޑަށް ޒަހަމްވި ހާދިސާއާ ގުޅިގެން ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
ހާންގެ މައްޗަށް މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.
ހާންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ މޭ މަހުގައި ޕާކިސްތާނުގައި އިރުހާބީންގެ ތިން މީހަކު ވެގެން ދިން ޖާނުން ފިދާވުމުގެ ހަމަލާ ރޭވުމުގައާއި އަދި އެތިން މީހުންގެ ތެރެއިން އެކަކު ކަމުގައިވާ އަލީ ޖަލީލު ނަމަކަށް ދިވެއްްސަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން 2008 ވަނަ އަހަރު ޖަލީލު ވަނީ ޕާކިސްތާނަށް އޭނާ އެތެރެވާނެ ގޮތާއި އަދި އޭނާ ތަމްރީނު ވެފައިވާ ގޮތް ޚާން އަށް އީމެއިލްގެ ޒަރީއާއިން ފޮނުވައިފަ އެވެ. އަދި އޭގެ ދެއަހަރެއްހާ ދުވަސް ކުރިން ޖަލީލު ވަނީ ރާއްޖޭގެ ކުޑަ ޖަމާއަތަކާ އެކު ޕާކިސްތާނަށް ތަމްރީނުތަކެއް ހެދުމަށް އެތެރެވާން މަސައްކަތް ކޮށްފައި ކަމަށް ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ އޭޕީގައި ލިޔެފައިވެ އެވެ. އެފަހަރު ޕާކިސްތާނުން ޖަލީލު ހައްޔަރު ކުރުމަށް ފަހު އަނބުރައި، ރާއްޖެ އަށް ފޮނުވާލުމުން، ގޭބަންދުގައި ބެހެއްޓީކަމަށް ވެސް ބުނެފައިވެ އެވެ.
އޭޕީގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖަލީލު ވަނީ 2008 ވަނަ އަހަރު 2500 ޑޮލަރު ހަމަޖައްސައި ދިނުމަށް އެދި ޚާން އަށް ލިޔެފަ އެވެ. އަދި އެގޮތުން ލޮސްއެންޖެލިސްއިން ފޮނުވާ ފައިސާ ޕާކިސްތާނުގެ ކަރާޗީން އަލީ ޖަލީލާ ހަވާލުކުރެވޭނޭ އިންތިޒާމް ޚާން ހަމަޖައްސައި ދިންކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޖެހިގެން އައި މަހު ޖަލީލު އެހުރިހާ ފައިސާ ބޭނުން ނުވާ ކަމަށް ޚާން އަށް ލިޔުމުން އެފައިސާ ޖަލީލުގެ ރާއްޖޭގައި ތިބޭ ދެއަނބިންނަށް ފޮނުވުމަށް ޓަކައި އަތުގައި ބެހެއްޓުމަށް ޚާން ބުނެފައިވާ ކަމަށް ވެއެވެ. އަދި ޖާނުންފިދާވުމުގެ ހަމަލާ ދިންތާ މާގިނަ އިރެއް ނުވެ ޕޯޓްލެންޑްގެ އޮރެގަންގެ ފިހާރައަކުން ޖަލީލުގެ އަތްނބަކަށް 750 ޑޮލަރު ޚާން ފޯރުކޮށްދީފައިވާ ކަމަށް ވެސްވެ އެވެ.
އަލީ ޖަލީލު ހުރީ 2007 ވަނަ އަހަރުގައި ރާއްޖޭގައި ގޭބަންދަށް ހުކުމް ކޮށްފައެވެ. އެއީ ހުއްދަނެތި ދީނީ ތައުލީމް ދިންކަމުގެ ކުށުގައެވެ. އެފަހަރު ދެ އަހަރަށް ގޭބަންދު ކުރުމަށް ހުކުމް ކޮށްފައި ވަނިކޮށް, ގެއިން ނުކުމެފައިވާތީ ހ. މޮސްކޯގެ, އަލީ ޖަލީލު ހަތަރު މަސް ދުވަހަށް އަރުވާލުމަށް 9 ފެބުރުވަރީ 2008 ގައި ޖިނާއީ ކޯޓުން ހުކުމްކޮށްފައިވެއެވެ. އަލީ ޖަލީލުގެ މައްޗަށް އެ ދުވަހު ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގަ އެވެ.
ޕާކިސްތާނުގެ ގައުމީ ޖާސޫސީ އިދާރާ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) ހެޑްކެއާޓަރު ކުރިމަތީގައި ޖާނުންފިދާވެގެން 2009 ވަނަ އަހަރު މެއި މަހުގެ 27 ވަނަ ދުވަހު ދިން ހަމަލައިގައި އަލީ ޖަލީލު ވަނީ މަރުވެފައެވެ.