06 Mar 2013, 13:38
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާ ދެކޮޅަށް ޕީޕީއެމްގެ ޕްރައިމަރީގެ ތެރޭއިން "ބަޣާވާތް" ކުރަން، އުމަރު ނަސީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ޕާޓީ، ގައުމީ އިއްތިހާދުން ވެސް ހަރަދު ކުރަމުންދާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އުމަރަށް ހަރަދު ކުރަމުންދާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ބިލެއްގެ ބަހުސްގެ މަރުހަލާގައި ވާހަކުފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ވެސް ހަރަދު ކުރަނީ ޕީޕީއެމް ޕްރައިމަރީން ވަކި މީހަކު ނެރުމަށް ކަމަށެވެ.
"މިހާރު ބަޣާވާތް' ކުރަން އުޅެނީ އަބްދުﷲ ޔާމީނާ ދެކޮޅަށް ޕީޕީއެމް ޕްރައިމަރީގެ ތެރެއިން. އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވާކަމެއް. އުމަރު ނަސީރަށް ވެސް ހަރަދު ކުރައްވަނީ އެބޭފުޅުން [ގައުމީ އިއްތިހާދު ޕާޓީން]. އަޅުގަނޑުގެ ޕާޓީގެ ލީޑަރު ވެސް ހަރަދު ކުރައްވަނީ އުމަރު ނަސީރަށް. އަޅުގަނޑުގެ ޕާޓީގެ ލީޑަރު ވެސް ހަރަދު ކުރައްވަނީ އެބޭފުޅާ އަށް. މިއީ އަޅުގަނޑުމެންނަށް ނޭނގޭ ކަމެއް ނޫން،" މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އަބްދުﷲ އަބްދުއްރަހީމް ވަނީ ރައީސް ވަހީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ގައުމީ އިއްތިހާދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ވުމުގެ ކުރިން ގައުމީ އިއްތިހާދު ޕާޓީ އަށް 10،000 މެންބަރުން ހަމަކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ.
"ގައުމީ އިއްތިހާދު ޕާޓީން މިހާރު ވިސްނަމުންދާ ގޮތަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގެ ޑިރެކްޓަރުންނާއި މެންބަރުންނާއި މުވައްޒަފުނާއި މި ބޭބޭފުޅުނަށް ބޮޑެތި މުސާރަތައް ދީގެން މިހާރު އަޅުގަނޑުމެން ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލު [ތަސްދީގު] ކުރުމުގެ ކުރިން 10،000 ހަމަކުރުމަށް،" ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލަށް ބަހުސް ކުރައްވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ މުސާރަ ބޮޑުކުރާ ވާހަކަ މަޖިލީހުގައި ދެއްކި އިރު، ދާދިފަހުން ވަނީ އެމްޕީއެލްގެ ސީއީއޯ ހުންނެވި މަހުދީ އިމާދަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ މުސާރައެއް ދެމުންދާ މައްސަލަގައި އޭނާ އެތަނުން ވަކިކުރައްވައި، މިނިސްޓަރުގެ ނައިބުކަން ވަނީ އޭނާ އަށް ދެއްވާފަ އެވެ.
ގައުމީ އިއްތިހާދުގެ ސްޕޯސްޕާސަން އައްބާސް އާދިލު ރިޒާ މިއަދު ސަން އަށް ވިދާޅުވީ އަބްދުﷲ އަބްދުއްރަހީމް އެ ވާހަކަ ދެއްކެވީ ގައުމު ހަލަބޮލިކޮށްލުމަށް ކަމަށާއި އެއީ އެއްްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯސްޕާސަން މޫސާ ރަމީޒު މިއަދު ވިދާޅުވީ އަބްދުއްރަހީމް އެ ހުންނެވީ ވަރަށް ބޮޑަށް އޮޅިފައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރާއްޖޭގެ ގާސިމު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.