އިސްތަށިގަނޑު "ރަން" މީހުންނަށް ވަޒީފާ ހާއްސަ ކޮށްގެން 2015 ވަނަ އަހަރަށް ރާއްޖޭގައި ރިސޯޓެއް ހުޅުވުމަށް ހަމަޖައްސައިފި އެވެ.


 މަޝްހޫރު ޓީވީ ޗެނަލް ބީބީސީ އޮންލައިނުގައިވާ ގޮތުން ލިޓުއާނިއާގެ "އޫ ލަ ލާ" ކިޔާ ކުންފުންޏަކުން ރާއްޖޭގައި ހުޅުވާ ރިސޯޓުގައި މުޅިން ވެސް މަސައްކަތް ކުރާނީ ބޮލޮންޑީސް ނުވަތަ އިސްތަށިގަނޑު ރަން ކުލައިގެ މީހުންނެވެ.


"އޫ ލަ ލާ" ކުންފުނިން ހަދާ ރިސޯޓަށް ޑައިރެކްޓް ފްލައިޓް އޮޕަރޭޓް ކުރާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. އެ ފްލައިޓްތަކުގައި ވެސް މަސައްކަތް ކުރާނީ މުޅިން ވެސް އިސްތަށިގަނޑު ރަން ކުލާގައި ތިބޭ މީހުންކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.


"އޫ ލަ ލާ" އަކީ އިސްތަށިގަނޑު ރަން ކުލައިގެ އަންހެނުން ވަޒީފާގައި ގެންގުޅުމަށް މަޝްހޫރު ވެފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވެސް ވިޔަފާރީގެ ތަފާތު 75 ސެކްޓަރެއްގައި ހަރަކާތްތެރިވަމުން ދެ އެވެ. އޭގެ ތެރޭގައި ކޮންޕިއުޓާ ސޮފްޓްވެއާ ހެދުމާއި ކާބޯތަކެތި ހެދުމާއި ޕޮޕް މިއުޒިކް ހެދުން ހިމެނެ އެވެ.


ދިވެހި ރާއްޖޭގައި ގިނައީ ބޯ ކަޅު ކުލައިގައި ތިބޭ މީހުން ކަމަށް ވާއިރު ޓޫރިޒަމް ޤާނޫނުގައި ބުނެފައިވާ ގޮތުން ރިސޯޓެއްގައި މަސައްކަތްކުރާ 50 ޕަސަންޓު މީހުން ވާން ޖެހޭނީ ދިވެހިންނަށެވެ.


ލިޓުއާނިއާ އަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ޤައުމަކަށް ވާއިރު ޔޫރަޕިއަން ޔޫނިއަންގެ ޤަނޫނުގައި ވެސް ހަމައެކަނި އިސްތަށިގަނޑު ރަން މީހުންނަށް ވަޒީފާ ދިނުމަކީ މަނާކަމެކެވެ.