10:00


ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ނަމުގައި އަނިޔާވެރިކަމާއި ކުށްކުރުމަށް ހިތްވަރު ނުދިނުމަށާއި އެފަދަ ލިޔުންތައް ނޫސް މަޖައްލާތަކާއި ބްލޮގްތަކުގައި ޝާޢިއުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.


މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބިރުދައްކައި ތަފާތު އިންޒާރުދީ ހަމަލާދެމުން ގެންދިއުމާ ގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އޮންލައިން ނޫސްތަކާ ބްލޮގްތަކުގައި އަނިޔާވެރިކަމާއި ކުށްކުރުމަށް ހިތްވަރުދީ ލިޔުންތައް ޝާޢިއު ކުރަމުންދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ. އަދި އެފަދަ ލިޔުންތަކުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ވާހަކަތަކާއި ދީނަށް ފުރައްސާރަކޮށް ލިޔުންތައް ލިޔުމާއިމީސްމީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމަށް ގޮވާލުމާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަތަކާއި ޚިޔާލުތައް ކުރިއަރުވައިފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


މީހުން މެރުމަށް ގޮވާލުމާއި ކުށްކުރުމަށް ހިތްވަރުދީ ނުވަތަ ގާނޫނާއި ގަވާއިދާ ޚިލާފް އަމަލުތައް ހިންގުމަށް މީސްމީހުންނަށް ގޮވާލާ ލިޔުންތަކާއި ބަޔާންތައް ނެރެމުން ދިއުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަމަށް އަސަރުކުރާނެ ކަންކަމަށް ވާތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ނަމުގައި އަނިޔާވެރިކަމާ ކުށްކުރުމަށް އެއްވެސް ފަރާތަކުން ހިތްވަރު ނުދިނުމަށާއި އެފަދަ ލިޔުންތައް ނޫސްމަޖައްލާތަކާއި ބްލޮގްތަކުގައި ޝާޢިއު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުންގެ ނޫސް ބަޔާނުގައިވެ އެވެ.


އަދި އޮންލައިން ނޫސްތަކާއި ބްލޮގްތަކުގެ ބޭނުންކޮށްގެން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ލިޔުންތަކާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ލިޔުންތައް ޝާޢިއުކުރަމުންދާ ފަރާތްތަކާއި، އާންމު ރައްޔިތުންނަށް ބިރުދައްކާ އިންޒާރުދީ، އަނިޔާވެރިވުމަށާއި ކުށްކުރުމަށް ގޮވާލާ ލިޔުންތައް ޝާޢިއު ކުރަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


ކުށްކުރުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ، އާއްމު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާތީ އާއި، އެކަންކަން ހުއްޓުވުމަށް ހަރަކާތްތެރިވާފަރާތްތަކަށް ވެސް ތަފާތު އިންޒާރުދީ އަދި ހަމަލާ ވެސް ދެމުންދިއުމާ ގުޅިގެންމިފަދަ ޢަމަލުތައް ހިންގާ ގްރޫޕްތަކާއި އެފަރާތްތަކަށް ހިތްވަރުދޭ ފަރާތްތައްފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުންފަށައިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި ހުރި އިބްރާހިމް ނާފިޒް ނުވަތަ ޗިކާ ގޭބަންދަށް ދޫކޮށްލި ޚަބަރު ބައެއް މީޑިޔާތަކުން ކިއުމާ ގުޅިގެން އެ ފަރާތްތަކަށް ތޫނު އެއްޗެހިން ހަމަލާދީ، އިންޒާރުދެމުން ގެންދިއުމާ ގުޅިގެން ފުލުހުން އިއްޔެ ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ޗިކާގެ އިތުރުން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.