ކުނިގޮނޑުން އަރާ ދުމުގެ އަސަރުކޮށް އިމާދުއްދީން ސްކޫލްގެ ގިނަ ކުދިންތަކަކަށް ކުއްލި ފަރުވާ ދޭންޖެހި ކިޔެވުން މެދު ކަނޑާލައިފި އެވެ.

މިއަދު ހެނދުނު 10:30 ހާއިރު ކުނިކޮށިން އަރާންފެށި ދުމާ ހެދި ކުދިން ހޮޑުލައި، ބޯ އަނބުރައި، ވާން ފެށުމުން ހެލްތު ރޫމްގައި ވަނީ 50 ކުއްޖަކަށް ފަރުވާދީފަ އެވެ. އަދި ހާލު ދެރަވި ޓީޗަރަކު ވަނީ އިމަޖަންސީކޮށް ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު ވިދާޅުވީ މިދުވަސް ވަރު އެ ސްކޫލްގައި ކިޔަވައިދެމުން ގެންދަނީ މޫސުމާއި ވައި ހުރިގޮތަކަށް ބަލާފައި ކަމަށާއި އެގޮތުން ސްކޫލްގެ ކިޔެވުން ކުރިއަށްގެންދަނީ ސްކޫލާދިމާލަށް ވައިނުޖެހޭ ދުވަސްތަކުގައި ކަމަށެވެ. އެގޮތުން މިއަދު ވެސް ކިޔަވައިދިނުމުގެ ކަންތައް ކުރިއަށް ދަނިކޮށް ސްކޫލާ ދިމާލަށް ވައިޖެހެން ފެށުމުން ބައެއް ކުދިންނާ ޓީޗަރުންގެ ހާލު ދެރަވެ އިމަޖެންސީކޮށް ފަރުވާން ދޭން ޖެހުނު ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވީ ހެނދުނު 10:30 ހާއިރު ސްކޫލްތެރޭ ވަރަށް ބޯ ކޮށް ދުން ހުރި ކަމަށެވެ.

އަދި ކުދިންގެ ހާލު ދެރަވެ ނޭވާލާން ދަތިވާން ފެށުމުން އަވަހަށް ބެލެނިވެރިންނަށް ގުޅާ ކުދިން ގެންދިއުމަށް އެދުނު ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ. ޕްރިންސިޕަލް ވިދާޅުވީ މިއަދު ހެނދުނު ސެޝަންގެ އެއްބައިގައި ކުދިންނަށް ކިޔަވައިދެވުނު އިރު މެންދުރުފަހު ސެޝަން އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މާދަމާގެ ކިޔެވުން ކުރިއަށް ގެންދޭވޭނީ މެޓް އޮފީހަށް ގުޅައި، ވައި ހުރި ގޮތަކަށް ބަލާފައި ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

މާލޭގެ އެއް ނަމް ބަރު ކުނިކޮށި ފުރިގެން އުދަގޫތައް ބޮޑުވެފައިވަނިކޮށް ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ކުރުމަށް ވަގުތީ ހައްލެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް އަށް މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވަނީ ދީފަ އެވެ. އަދި މިހާރު ވަނީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ފަށައި ވެސް ފަ އެވެ.