06 Mar 2013, 13:17
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލިކަން ޝަރީއަތަށް ސާބިތުވެ ހ. ރެދަން، ފަވާޒު ކަޅުތުއްތު 15 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އޭނާ އިސްތިއުނާފުކޮށްފި އެވެ.
ހައިކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. އެ އަޑުއެހުމުގައި މައްސަލަ ހުށަހެޅުމަށް ފަހު ފަވާޒުގެ ވަކީލާއި ދައުލަތުގެ ފަރާތުން ވެސް ވަނީ އެބޭފުޅުން ފާހަގަ ކުރައްވާ ނުކުތާތަށް ޝަރީއަތަށް އިއްވާފަ އެވެ. އަދި އެ މައްސަލައިގެ ދެވަނަ އަޑުއެހުން 15 ދުވަސް ފަހުން ބާއްވައި ދިނުމަށް ވެސް ފަވާޒުގެ ވަކީލު އެދިވަޑައިގަތެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ، މަޖީދީ މަގުގެ ދެކުނު ފަރާތަށް ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށް ފަހު ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ދުށް ކަމަށް އެތަނުގައި ހުރި މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ.
އެހުކުމްގައި ބުނަނީ އެމީހާ އެގޮތަށް ހެކިބަސް ދީފައިވާ އިރު ޝަރީއަތަށް ހުށަހެޅުނު ވީޑިއޯއަކުން ފަވާޒު އެ ސައިކަލްގައި އަލިފާން ރޯކޮށްލުމަށް ފަހު ދުވެފައިދާތަން ރަނގަޅަށް ފެންނަން ހުރިއިރު އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ގަރީނާތައް ހުށަހެޅިފައިވާ ހެކިތަކަށް ބާރުދޭ ކަމަށެވެ.
"މިއީ ފަވާޒު ކަޅުތުއްތު ކޮށްފައިވާ އަމަލެއްކަން އެކަށީގެންވާ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާތީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ)ގެ ދަށުން ފަވާޒު ކަޅުތުއްތު ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުން މާލެ ހ. ރެދަން ފަވާޒު ކަޅުތުއްތު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.