06 Mar 2013, 12:15
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީގެ އެންމެ ވާދަވެރި ކުޅުންތެރިއަކަށް ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވާނެ ކަމުގައި ކުރިންވެސް އެނގުނު ކަމުގައި މެސީ ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ބަދަލުވި ކުޅުންތެރިޔާ އަކީ މެސީ އާއި އެންމެ ވާދަވެރި ކުޅުންތެރިޔާކަން އޭނާ ދަނީ ހާމަކޮށްދެމުންނެވެ. އަދި މެސީ އާއެކު ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ހިމެނުމަކީ އާންމު ކަމަކަށް ވަނީ ވެފަ އެވެ.
"ރޮނާލްޑޯ މެޑްރިޑާއި ގުޅުމުގެ ކުރިން ވެސް އަހަރެންނަށް އެނގުން އެކަން. ރޮނާލްޑޯގެ ބެލޮންޑިއޯ ހޯދުމަށް ފަހު އަހަރެންނަށް އެނގުނު އެކަން. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރޮނާލްޑޯ އަކީ އަހަރެންގެ ވަރުގަދަ ވާދެވެރިޔާއަށް ވާނެކަން ވެސް އެނގުނު." މެސީ ބުންޏެވެ.
ޖެހިޖެހިގެން ހަތަރު ފަހަރު ފީފާ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ލިއޮނެލް މެސީ ދައްކަމުންދާ ކުޅުމަކީ އެންމެ އެދެވޭ ކުޅުން ނޫންކަމުގައި ބުނެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން ދެއެވެ. އެގޮތުން ގިނަ ބަޔަކު މެސީ އާ ބެހޭ ގޮތުން ދައްކަމުންދާ ދޮގު ވާހަކަތަކާ ގުޅިގެން މެސީ ހުރީ ހިތްހަމަނުޖެހިފަ އެވެ.
"އަހަރެންނާއި މެދު ދެކެވޭ ގިނަ ވާހަކަތަކަކީ މީހުން ހަދަހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް. އަހަރެންނަކީ އާދައިގެ މީހެއް. އަދި އަހަރެން ބޭނުންވަނީ އެހެން މީހުން އަހަރެންނަކީ ކުޅުންތެރިއެއްގެ ގޮތުގައި ބެލުން. އަހަރެންނަށް ބޭނުންވާ ކަމަކީ ލަނޑުޖަހާ މެޗުތަކުން މޮޅުވުން. އަހަރެން ކުޅެމުން މިދަނީ މޮޅެތި ގިނަ ކުޅުންތެރިންތަކަކާ އެކު. އޭގެތެރެއިން އެއް ކުޅުންތެރިއެއްގެ ވާހަކަ ދެއްކުމަކީ ގޯސްކަމެއް." މެސީ ބުންޏެވެ.