06 Mar 2013, 12:10
ގަލޮޅު މޫނިމާގޭ ކުރިމަތީގައި ހުންނަ ދަރުމަވަންތަ މިސްކިތަށް ރޭފަތިހުގެ ވަގުތެއްގައި ބަޔަކު ވަދެ އެތަނުގެ ތެރެއިން ބައެއް ތަކެތި ވަގަށް ނަގައި ގެއްްލުންތައް ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދަރުމަވަންތަ މިސްކިތަށް ބަޔަކު ގެއްލުންތަކެއް ދީފައިވާ ކަމުގެ ރިޕޯޓެއް ރޭ ފަތިހު ގާތްގަނޑަކަށް 5:08 އެހާކަންހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން އެތަނަށް ދިޔައިރު އެތަނުގެ ތެރޭގައި ބަހައްޓާފައިވާ ސައުންޑް ސިސްޓަމާއި މައިކާއި ސްޕީކަރުތައް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރި މައިކް ސްޓޭންޑާއި މުސައްލަތައް އުކާލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދަރުމަވަންތަ މިސްކިތަށް ގެއްލުން ދީފައިވާ ކަން އެނގުނީ ރޭ ފަތިހު އެ މިސްކިތަށް ނަމާދަށް މީހުން ދިޔުމުންނެވެ. ފަތިސް ނަމާދަށް މީހުން ދިޔަ އިރު ފަންކާތައް ހަލާކުކޮށްލައި ސައުންޑް ސިސްޓަމް ބަހައްޓާފައި ހުރި ކަބަޑު ވެސް ފަޅާލާފައި އޮއްވައި ވަނީ ފެނިފަ އެވެ.
އެ މިސްކިތަކީ ވަރަށް މަދު ބަޔަކު ނަމަދާ އަރާ މިސްކިތެއް ނަމަވެސް މިސްކިތް ހުންނަ ސަރަހައްދަކީ އާއްމުކޮށް މީހުން އުޅޭ ސަރަހައްދެކެވެ.