06 Mar 2013, 12:05
ބަޖެޓުގެ ތާށިކަމާ ހުރެ ބާއްވަން އުޅެ ނުބޭއްވުނު 23 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން އަލުން ނިންމައިފި އެވެ.
ކުރިން ގައުމީ އެތުލެޓިކްސް މުބާރާތް ބާއްވަން ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 24 އިން 27ގެ ނިޔަލަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް މިއަދު ވިދާޅުވީ، މުބާރާތް އަލުން ދެން ބާއްވާނެ ތާރީހެއް ކަނޑައެޅީ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހަފްތާގެ ތެރޭގައި އެ އެސޯސިއޭޝަންގެ މެންބަރު ކުލަބް ޖަމްއިއްޔާތަކަށް ހުޅުވާލާނެ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ނިންމާފައި ވަނީ މާލޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލުން މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައި މިވަނީ އަންނަ އޭޕްރީލް މަހުގެ ފަހު ހަފްތާގެ ތެރޭގައި. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހަފްތާގައި ހުޅުވާލެވޭނެ." މުންތަގިމް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބާއި ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނީ ޅ. ކުރެންދޫ ޒިފިއަސް ސްޕޯޓްސް ކްލަބުގެ އަފާ އިސްމާއިލް އާއި ސިފައިންގެ ކްލަބުގެ ޝިފާޒް މުހައްމަދެވެ.