06 Mar 2013, 11:19
ހުޅުމާލޭ ކޯޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރު ކުރުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ އިއްޔެ ރައީސް ނަޝީދު ހައްޔަރުކުރި ވަގުތު ރައީސް ނަޝިދުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާއި ފުލުހުންނާ ދެމެދު ދެބަސްވުންތަކެއް ހިނގާފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ހުޅުމާލޭ ކޯޓުގައި މިއަދު ހަވީރު އޮންނަ ޝަރީއަތަކަށް ހާޒިރުކުރުމަށް ކޯޓް އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ރައީސް ނަޝީދު ހައްޔަރުކުރި ވަގުތު ފުލުހުންނާއި އެސްޕީޖީގެ ހަށިފާރަވެރީންނާ ދެމެދު ދެބަސްވުންތަކެއް ހިނގި ކަމަށް ފުލުހުން އިއްޔެ ބުނެފައި ވަނިކޮށް އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ސަން އޮންލައިނަށް ވިދާޅުވީ އިއްޔެ ރައީސް ނަޝިދު ހައްޔަރުކުރި އިރު ފުލުހުންނާއި އެސްޕީޖީ ސިފައިންނާ ދެމެދު އެއްވެސް ދެބަސްވުމެއް ހިނގާފައި ނުވާ ކަމަށެވެ.
"ވީޑިއޯ އިން އެފެންނަނީ ފުލުހުންގެ ފަހަތުން އައި އާންމުންނާއި ސިފައިންގެ ސެކިއުރިޓީ އާއި އެންމެންއެއްކޮށް، އެތާގައި ސިފައިންގެ ސެކިއުރިޓި ކުދިން ތިބޭނީ ކުލައެއްޗެހީގައި، އެހެންވީމާ އެެ އައި އައުމުގައި ސިފައިންގެ ކުދިންގައިގައި ވެސް ޕޮލިހުން އެދޭތެރެ އަށް ވަތްވަނުމުގައި ޖެހިފައި ހުރެދާނެ އެހެންނަމަވެސް އެކަހަލަ ދެބަސްވުމެއް ނުވަތަ ބަހުގެ ހަމަލާތަކެއް އެކަހަލަ އެއްވެސް ކަމެއް ހިނގާފައެއްނެތް،" ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވި އެވެ.
އެސްޕީޖީ އާ ހަވާލާދީ އަބްދުއްރަހީމް ވިދާޅުވީ ނަޝީދު ހައްޔަރު ކުރުމުގެ ތެރޭ ފުލުހުންނާއި ސިފައިންނާ ދެމެދު ދެބަސްވުންތަކެއް ހިނގި ހަބަރު ފެތުރުމާ ގުޅިގެން އެސްޕީޖީ އާ މަޝްވަރާކޮށްފައިވާ ކަމަށާއި އެސްޕީޖީގެ ފަރާތުން ވެސް އެފަދަ ކަމެއް ނުހިނގާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ބަސް އެގޮތަށް ހުރި ނަމަވެސް ޕޮލިހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ރޭ ވިދާޅުވެފައި ވަނީ ނަޝީދު ހައްޔަރު ކުރުމުގެ ތެރޭގައި "ދެފަރާތް، ދެފަރާތަށް ބަސްތަކެއް ބަދަލު ކުރި،" ކަމަށާއި އެފަދަ ހާލަތެއްގައި ހަށިފާރަވެރިން ވެސް ބޭނުންވީ އެކަން ހިނގަނީ "ކިހިނެއް ވެގެންތޯ، ކޮން ގޮތަކުންތޯ،" ބެލުމަށް ކަމަށެވެ. ނަޝީދު ހައްޔަރު ކުރަން އަމުރު ނެރުނު ކަން އެނގުމުން ހަށިފާރަވެރިން ފަހުން އެކަމުގައި އެހެން ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ.
ނަވާޒު ވިދާޅުވީ ނަޝީދު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ކުރުމުން "[ހަށިފާރަވެރިން] ސުވާލު ކުރާކަން ނުޖެހޭނެ،" ކަމަށެވެ. "ކޯޓު އަމުރު ދެއްކުމަށް ފަހު ހުރިހާ ކަމެއް ކްލިއާވެގެންދިޔަ ކަމަށް. އެމަނިކުފާނު އަމިއްލައަށް ހިންގަވާފައި ވަޑައިގެންނެވީ، އޭގެ ފަހަކުންނެއް އެބޭފުޅުން [ހަށިފާރަވެރިން] ވެސް އެކަމަކާ ސުވާލެއް ނުކުރައްވާ. އަޅުގަނޑު ގަބޫލެއް ނުކުރަން ސުވާލެއް އޮންނަންޖެހޭނެ ކަމަކަށް ވެސް. ކޯޓަކުން އަމުރެއް ކޮށްފިއްޔާ އެކަމަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެ،" ނަވާޒު ވިދާޅުވި އެވެ.
ވީޑިއޯ އިން ފެންނަ ގޮތުން ރައީސް ނަޝީދު ހައްޔަރުކޮށްގެން ހިނގަވާފައި ވަޑައިގަންނަވާއިރު ހިމާޔަތް ދީގެން ތިބި ފުލުހުންނާ ކައިރީގައި އެމަނިކުފާނުގެ ބޮޑީގާޑަކު ފުލުހުންނާ ތަކުރާރުކޮށް ސުވާލު ކުރަމުންދެ އެވެ. ނަމަވެސް ދައްކާ ވާހަކައެއް ސާފެއް ނުވެ އެވެ.