06 Mar 2013, 11:12
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބޭބެ މުހައްމަދު ޝާހިދު ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ މުހައްމަދު ޝާހިދު ފުރުން މަނާކޮށްފައި ވަނީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމަށް 2005 ވަނަ އަހަރު އޭބީސީ ކޮމްޕެނީގެ ނަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމުތަކަށް އެޕޯލޯ ކުންފުނިން އެއަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައި ވަނިކޮށް، އޭބީސީ ކޮމްޕެނީގެ ފަރާތުން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އަނެއްކާ ވެސް އޭގެ ކޮޕީ ހުށަހަޅައިގެން ދެވަނަ ފަރަހަށް އެފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
މުހައްމަދު ޝާހިދަށް ފުރުމުގެ ހުއްދަ ދީފައި ނުވަނީ ދިވެހި ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އިން ހިންގާފައިވާ ކޮރަޕްޝަންގެ އެ މައްސަލައިގެ ތަހުގީގު ނިމުމުގެ ކުރިން އޭނާ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ދީފިނަމަ ފިލާފާނެކަމުގެ ބިރު އޮތުމުން ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އޭނާ އަށް އެ ހުއްދަ ދީފައި ނުވުމަކީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާ ޚިލާފަށް ކަމަށް މުހައްމަދު ޝާހިދު ބުނި ނަމަވެސް ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަކީ ހައްދެއް ނެތި ގާނޫނު އަސާސީން ދޫކޮށްފައިވާ ހައްގެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނުގައި ބުނާ ގޮތުން ޝަރުއީ އަމުރަކާ ގުޅިގެން ނުވަތަ މީހުން ހައްޔަރު ކުރުމުގެ ބާރުލިބިފައިވާ ސަރުކާރުގެ އިދާރާއަކުން ކުރާ އަމުރަކާ ގުޅިގެން ރާއްޖެ އިން ފުރުން މަނާކޮށްފައިވާ މީހުން ފިޔަވައި އެހެން ކޮންމެ މީހަކަށް ވެސް ފުރައިގެން ދެވޭނެ ކަމަށެވެ. އަދި ފުރުން މަނާކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެސް ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ދާންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކްރިމިނަލް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖެ އިން ބޭރަށް ފުރުމުގެ ފުރުސަތު މިހާރު ވެސް އޭނާ އަށް ލިބިދީފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.