06 Mar 2013, 09:32
ޖެނީވާ (މާޗް 6): ސްރީލަންކާގެ އަހްލީ ހަނގުރާމާގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތައް ޒިންމާކުރެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ އިންސާނީ ޙައްޤުތަކާ ބެހޭ އދ. ހައިކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފި އެވެ.
ޖެނީވާގައި ކުރިޔަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ކައުންސިލްގެ ބާވީސް ވަނަ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން ޕިއްލޭ ވިދާޅުވީ ސްރީލަންކާގެ އަހްލީ ހަނގުރާމާގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ވަރަށް ރަނގަނޅަށް ތަޙްގީގުކޮށް އެކަންތައްތަކުގެ ފަހަތުގައިވާ ސްރީލަންކާގެ މަސްއޫލުވެރިންނާއި ސިފައިން ޢަދާލަތަށް ޙާޒިރުކުރެވެންޖެހޭނެ ކަމުގަ އެވެ. އޭނާ ވިދާޅުވީ މިކަމަށް އދ. އިން މަސައްކަތްކުރި ނަމަވެސް މިކަމުން ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު މިހާރު ކުޑަވެފައިވާ ކަމުގަ އެވެ. ނަމަވެސް މިމަސައްކަތް ހުއްޓާނުލާ ކުރިޔަށްގެންދިޔުމަށް ޕިއްލޭ އދ. އަށް ގޮވާލެއްވި އެވެ.
ދެ ހާސް ނުވަ ވަނަ އަހަރު ސްރީލަންކާގެ އަހްލީ ހަނގުރާމަ ނިމުނު އިރު އެހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި ސްރީލަންކާ ސިފައިން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް އދ. ން ތުހުމަތު ކޮށްފައިވެ އެވެ. މި ލާއިންސާނީ އަމަލުތަކުގައި ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ ޢާންމުންގެ އެތައް ހާސްބަޔަކު މަރާލެވިފައިވާ ކަމަށް މިކަން ބެލުމަށް އދ. ން އެކުލަވާލި ޚާއްސަ ކޮމިޓީން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ސްރީލަންކާ ސަރުކާރުން މިތުހުމަތު ތަކަށް އިންކާރު ކުރެ އެވެ.
ސްރީލަންކާގެ ދިގުލީ އަހްލީ ހަނގުރާމަ 30 އަހަރަށް ދިގުދެމިގެން ގޮސްފައިވާ އިރު އެހަނގުރާމައިގާ ތަމަޅަ ހަނގުރާމަވެރިންނާއި ސްރީލަންކާ ސިފައިންގެ ޙަމަލާތަކުގައި 70 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)