ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސް ހޭދަކުރުމަށް ފަހު އުމުރުފުޅުން 58 އަހަރުގައި ރޭގެ ވަގުތެއްގައި އަވަހާރަ ވެއްޖެ އެވެ. އެމަނިކުފާނު ވެނެޒުއޭލާގައި ވެރިކަން ކުރައްވާތާ މިވީ 14 އަހަރު ދުވަހެވެ.

ޗާވޭޒް އަވަހާރަވީކަން އިއުލާނު ކުރެއްވީ އެގައުމުގެ ނާއިބު ރައީސް ނިކޮލަސް މަދޫރޯ އެވެ. ޖަޒުބާތާއި ހިތާމައިންލޯފުޅު ކަރުނައިން ތެމިފައި ހުންނެވި ހާލުކޮޅުގައި މަދޫރޯ ވިދާޅުވީ މިއީ ގައުމަށް ލިބުނު ވަރަށްބޮޑު ހިތާމައެއް ކަމަށާއި އަދި ރައީސް އަވަހާރަވެފައި ވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތާ ދެ އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ.

ޗާވޭޒް އަވަހާރަވުމާ ގުޅިގެން ވެނެޒުއޭލާގެ ހާރިޖީ ވަޒީރު އެލިއާސް ހޯސޭ ޔުއާލާ މިލާނޯ ވަނީ އެގައުމުގައި ހިތާމައިގެ ހަތްދުވަސް އިއުލާނުކޮށްފަ އެވެ. އަދި ޗާވޭޒް ފަސްދާނު ލުމުގެ ހުރިހާކަމެއް ނިމެންދެން އެމަނިކުފާނުގެ ހަށިކޮޅު ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެރިކަން ކުރާ ރަށުގަ އެވެ.

ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އިންތިހާބު ބޭއްވެންދެން އެގައުމުގެ ރައީސްކަމާއި ވަގުތީގޮތުން ހަވާލުވެ ވަޑައިގެން ހުންނަވާނީ ނާއިބު ރައީސް މަދޫރޯ އެވެ. އަދި ހަމަ އެހެންމެ އެގައުމުގައި ކުރިއަށް އޮތް އިންތިހާބުގައި ވެރިކަން ކުރާޕާޓީ ކަމަށްވާ ޔުނައިޓެޑް ސޯޝަލިސްޓް ޕާޓީ (ޕީއެސްޔޫވީ)ގެ ފަރާތުން ދެން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ ނާއިބު ރައީސް ނިކޮލަސް މަދޫރޯ ކަމަށްވެސް ހާރިޖީ ވަޒީރު ވެނެޒުއޭލާގެ ދައުލަތުގެ ޓީވީގައި ތަގުރީރު ކުރަށްވަމުން ވިދާޅުވި އެވެ.

ވެނެޒުއޭލާގައި އިންތިހާބު ބާއްވާނޭ ވަކި ދުވަހެއް އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ. ޗާވޭޒްގެ އާލާސް ކަންފުޅާ ހެދި އެމަނިކުފާނަށް ވަނީ ތިން ވަނަ ދައުރަކަށް ރައީސްކަމަށް ހޮވިވަޑައިގެންނެވި ނަމަވެސް ރައީސްކަމުގެ ހުވާ ކުރެއްވޭނެ ގޮތް ނުވެފަ އެވެ.