ފުވައްމުލަކު އަތޮޅުވެރިކަމުގައި 1976 ވަނަ އަހަރު ހ. ޝަފީގުގޭ އަހުމަދު ޝަފީގު ހުންނެވި އިރު ޝަފީގުގެ އަމުރަށް އެ ރަށު 13 މީހަކު ހައްޔަރުކޮށް، ލާއިންސާނީ ޖަރީމާ ހިންގާފައިވާ ކަމަށް ބުނެ ޝަފީގުގެ މައްޗަށް ދައުވާ ކުރަން ފުވައްމުލަކު ހަ މީހަކު މަސައްކަތްކުރަމުން އަންނަ ކަމަށާއި ފެށޭ ހަފުތާގައި މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ބުނެފި އެވެ.


މި ދައުވާ ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފުވައްމުލަކު ހެލެނބެލިމާގޭ އަބްދުﷲ އިބްރާހިމް މިއަދު ބުނީ ޝަފީގާ ދެކޮޅަށް ދައުވާ ކުރަނީ ޝަފީގުގެ އަތޮޅުވެރި ކަމުގައި ހުންނަވައިގެން 1976ގެ އޭޕްރީލް މަހު އެ ރަށު ދޫޑިގަމް 13 މީހަކު ހައްޔަރުކޮށް، ހަތަރު މަހާއި 11 ދުވަހު ޖަލުގައި ބައިތިއްބައިގެން އިހާނެތި އަމަލުތައް ކޮށްފައިވާތީ އެކަމުގެ ގެއްލުމުގެ ބަދަލު ޝަފީގުގެ ކިބައިން ހޯދުމަށް ކަމަށެވެ.


ކޯޓަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދައުވާގައި ބުނަނީ ޝަފީގުގެ އަމުރަށް، އެއްވެސް ތަހުގީގަކާއި ނުލައި 13 މީހުން ރަށުން ބޭރުކޮށް އާއިލާ އާ ބައްދަލު ކުރުމުގެ ފުރުސަތެއް ނުދީ ހުރިހާ އަސާސީ އަދި އިންސާނީ ހައްގަކުން މަހުރޫމްކުރި ކަމަށެވެ.


އަބްދުﷲ އިބްރާހިމް ބުނީ ޝަފީގުގެ މައްޗަށް މަދަނީ ކޯޓުގައި ނަފުސާނީ އަދި ޖިސްމާނީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާއިރު އެ މައްސަލައިގައި ހިމެނޭ ޖިނާއީ ބައި ތަހުގީގުކޮށްދިނުމަށް އެދި ފުލުންނަށް ވެސް ހުށަހަޅާނެ ކަމަށެވެ.


"ދައުވާ ތައްޔާރު ކުރުމާއި ވަކީލު ހަމަޖެއްސުމުގެ މަސައްކަތް މިދަނީ ކުރަމުން. އަންނަ ހަފުތާގައި މި މައްސަލަ ކޯޓަށް ވައްދާނަން،" އަބްދުﷲ އިބްރާހިމް ބުންޏެވެ.


އޭނާ ބުނީ މި ދައުވާ ކުރުމަށް އިސް ނެގީ "ޝަފީގުގެ މަސަލަތައް ނުހިނގާ ފުލުސް އޮފީސް ނުހިނގާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވާތީ "މިއީ ވެސް ޝަފީގުގެ މައްސަލައަކަށް ވާތީ މި މައްސަލަ ވެސް ހިނގާނެތީ" ކަމަށެވެ.


އޭނާ އަދި ބުނީ ޝަފީގު އަތޮޅުވެރިކަމުގައި ހުންނަވައިގެން ކުށެއް ނެތް ބަޔަކު ހައްޔަރުކޮށްގެން ގެންދިއުމުން ރަށަށް ބިރުވެރި ކަމާއި ނާމާންކަން ފެތުރި މާބަނޑުވެފައިތިބި އަނބިންނާއި އާއިލާތަކުގައި ތިބި ޅަދަރިންނާއި ދުވަސްވީ މައިންބައިންނަށް މާލީ އަދި ނަފުސާނީ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.  


އަދި އޭނާ ބުނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށެވެ.