ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އެމްޑީޕީން އިއްޔެ މާލޭ ސިޓީ ކައުންސިލް ކުރިމަތީގައި ކުރި މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގާއުކައި ހަމަނުޖެހުން ހިންގި ހަތަރު މީހަކު ހޯދުމަށް ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން މިއަދު އާންމުކުރި 1:47 މިނެޓްގެ ވީޑިއޯ އިން ސިޓީ ކައުންސިލް ސަރައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތައް ކައިރިން ތިން މީހަކު ޕޭމަންޓްގާ ނަގައި ފުލުހުންނާ ދިމާލަށް އުކާ މަންޒަރު ފެނެ އެވެ. އަދި ގާއުކުމަށް ފަހު އެންމެން ދުއްވައިގަތް ވަގުތު އެތަނުގައި ހުރި މީހަކަށް މުޒާހަރާގެ ބައިވެރިއަކު ހަމަލާދީ މާރާމާރީ ހިންގާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

އެ ހަތަރު މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތަކަށް ދޭން ޖެހޭ ރައްކާތެރިކަން ފުލުހުން ދޭނެކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެފަދަ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"މި ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ. މި ހަތަރު މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

http://www.youtube.com/watch?v=dg5hu9Rrupg&