ރާއްޖެ އަކީ އެއްބައިވަންތަ އެއްބައެއް ވަންތަ އެއް ބަހަކުން ވާހަކަ ދައްކާ އެއް ދީނަކަށް ތަބާވާ ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ ދުވަސްތައް މާޒީއާއެކުވެ ހިނގައްޖެ އެވެ. އެފަދަ ޒަމާނެއް ދެން ފެންނާނެ ކަމަކަށް އެކަކު ވެސް މިހާރު ގަބޫލެއް ނުކުރެ އެވެ. ސިޔާސީ ޕާޓީތައް އުފައްދައި އެއް ޕާޓީ އަނެއް ޕާޓީ އާ ދެމެދު އުފެދިފައިވާ ޚިޔާލީ ފިކުރު ތަފާތުވުންތަކުގެ ސަބަބުން ގައުމު ހަލާކުގެ ތެރެއަށް ގެނބި ނިމެނީ އެވެ. ރައްޔިތުން ބައިބައިވެ ރަށުތެރެ ނާމާން ވަނީ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން ވެރިކަމާ ހަވާލުވެ ވަޑައިގަތް ދުވަހުން ފެށިގެން މި އަދާ ހަމައަށް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ސިޔާސީ ހަމަނުޖެހުންތަކުން އެކަނި ވެސް އެ ވާހަކަތަކަށް ފުދޭ ވަރުގެ ހެކި ލިބެ އެވެ.

އެ ދުވަހު މާލެ އާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގި ސިޔާސީ ހަމަނުޖެހުންތަކުގައި ދައުލަތައް ވަނީ މިލިއަނުން މިލިއަނުން ގެއްލުން ވެފަ އެވެ. އެ ދުވަހުން ފެށިގެން މި އަދާ ހަމައަށް މާލެ ތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި މީހުންގެ މުދަލަށާއި އާއްމު ރައްޔިތުންނާއި ފުލުހުންނާއި ސިފައިންނަށް ލިބުނު އަނިޔާތަކާއި ގެއްލުންތަކުން އަދި ވެސް އެ އުޅެނީ އަރައި ނުގަނެވިގެން ނެވެ.

އައްޑު އަތޮޅާއި ގދ. ތިނަދޫ އަދި އެ ނޫން ބައެއް ހިސާބުތަކުގައި ބަޔަކު ހިންގި ފަނާ ކުރަނިވި ހަމަނުޖެހުންތަކުގައި އައްޑޫ އަތޮޅު މީދޫ ކޯޓު ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ކޯޓުތަކަކާއި ފުހުންގެ އިމާރާތްތަކާއި ވެހިކަލްތަކުގައި އަލިފާން ރޯކޮށް އަންދާ އަޅިޔަށް ހަދާލީ ސިޔާސީ ވާދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން ފަޅައިގެން ދިޔަ ހުޅަކުން ނެވެ.

އެ ހާދިސާގައި ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ގައުމުގައި އުފެދިފައި މިވާ ސިޔާސީ ހަލަބޮލިކަމާ އެކު މިދިޔަ އަހަރު ރާއްޖެ އަށް ޓޫރިސްޓުން އައި ނިސްބަތް 12 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު އެހެނިހެން ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތި ލާން ޖެހިފަ އެވެ. މާލޭގައި ކުރަމުން އެ ގެންދާ ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ ސަބަބުން ފިހާރަތަކުގެ ވިކުރާ އަންނަނީ އެތައް ތަނަކުން ދައްވަމުން ކަމަށް އެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުންޏެވެ. އެ ނޫން ގޮތް ގޮތުން ވެސް ރާއްޖޭގެ އިގްތިސޯދަށް އަންނަނީ އެކަމުގެ ނޭދެވޭ އަސަރު ކުރަމުން ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ގައުމުގެ އިގްތިސޯދު ހަލާކުވެ، ރަށު ތެރެ ނާމާންވެ މާރީ މާރީ އާއްމުވަމުން އަންނަ އިރު ވެސް ކުރަމުންދާ މުޒާހަރާތަކަށް ނިމުމެއް ނާދެ އެވެ. ކޮންމެވެސް ކުލަ އެއްގެ ކޮންމެވެސް ފިކުރެއްގެ ކޮންމެ ވެސް ބަޔަކު މަސައްކަތް ކުރާ ތަން ފެންނަނީ މަގުމަތި ހަލަބޮލިކޮށްލައި ގައުމުގައި ހަމަނުޖެހުން ހިންގުމަ ށެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ މިއަދު ފެންނަމުންދާ ހަގީގަތެވެ. ސިޔާސީ ފިކުރު ތަފާތުވުންތަކުގެ ތެރެއިން އުފެދޭ ރުޅިވެރިކަމުގައި ލޭގެ ގުޅުން ކަނޑަނީ އެވެ. ތިމާގެ ކަމުގެ ގުޅުން ކަނޑަނީ އެވެ. އަވަށްޓެރި ކަމުގެ ގުޅުމާއި ރަހްމަތްތެރިކަމުގެ ގުޅުން ކަނޑާ އަދާވާތް ތެރި ވަނީ އެވެ.

ރައްޔިތުން މި އެދޭ ޑިމޮކްރެސީ އަކީ މިއީ ކަމަށް ގަބޫލްކުރާ ބަޔަކު ތިބި ނަމަ އެ ވިސްނުން ވަގުތުން ބަދަލުކުރަން ޖެހެ އެވެ. ގާނޫނު އަސާސީ ގެނެސްދިން މިނިވަންކަމަކީ މިއީ ކަމަށް ގަބޫލު ކުރާ ނަމަ އެ ވިސްނުން ވެސް ބަދަލު ކުރަން ޖެހެ އެވެ. މިހާރު މި ދަތުރު ކުރެވެނީ މުޅީން ނުބައި މިސްރާބަކަ ށެވެ. މި މަގުން ދަތުރުކުރަން ވެއްޖެ ނަމަ ރައްޔިތުން ބައިބައިވެ، ގައުމު ހަލާކުގެ ތެރެއަށް ވެއްޓޭކަށް ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެފަދަ އަމަލުތަކާ ދެކޮޅު ބޭފުން ވިދާޅުވެ އެވެ. އަމިއްލަ އަތުން ފޭއްސާ އިލޮށި ގަނޑު އަމިއްލަ ލޮލަށް ހެރުނީމާ ތަދުވާނީ ކާކުގެ ލޮލަކަށްތޯ ވިސްނަންޖެހެ އެވެ. އަމިއްލަ އިޚްތިޔާރުގައި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލީމާ އެ ކަމުން ލިބޭ ގެއްލުމާއި ހަލާކާ ކުރިމަތިލާން ޖެހޭނީ ކޮންބަޔަކަށްތޯ ވެސް ވިސްނަން ޖެހެ އެވެ.

އެކަންކަމުގެ ޒިންމާ ނަގަންޖެހޭނީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. އެއީ މުޅި ގައުމަށާއި ރައްޔިތުން ނަށް ދެވޭ ގެއްލުމެކެވެ. ދައުލަތުގެ މުދަލަށާއި ތަންތަނަށް، ދެމުން އެގެންދާ ގެއްލުމުގެ ނޭދެވޭ އަސަރު ކުރާނީ ހަމަ އެކަނި ރައީސް ވަހީދު އަކަށް ނޫނެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކަށް ވެސް ނޫނެވެ. އެ ކަމުގެ ނޭދެވޭ އަސަރު އެ ބޭފުޅުން ނެކޭ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އަޅުގަނޑު މެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ކުރާނެ އެވެ. މި ހާލަތުގައި ގައުމު އޮންނަން ވެއްޖެ ނަމަ ރައްޔިތުން ބައިބައިވެ ގައުމު އިނދެ ޖެހިދާނެ އެވެ. އެހާ ހިސާބުން ގިނަ ފަހަރަށް އޮންނާނީ ވަގުތު ފާއިތުވެފަ އެވެ.

ހަޔާތުގައި ދިމާވާ ކުޑަކުޑަ ކަމަކުން ވެސް ސިޔާސީ ފިކުރުން ދުރަށް ޖެހިގެން ހުންނަން ޖެހިދާނެ އެވެ. ނަމަވެސް ތިމާގެ ހިއްސާ ހިމެނިގެން ގައުމަށް ކުޑަ ނަމަވެސް ގެއްލުމެއް ދީފައި އޮވެއްޖެ ނަމަ އެކަމުން ރެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

މިހާރު ގިނަ ބަޔަކު ބުނަމުން ދަނީ ދެން މި ގައުމަށް ގެންނާނީ ބިނާ ކުރުވަނިވި ފިކުރެއް ކަމަށެވެ. އަދި ފަނާ ކުރުވަނިވި އެއްވެސް ފިކުރަކަށް ޖާގައެއް ނެތް ކަމަށެވެ.