06 Mar 2013, 00:36
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ހަމަނުޖެހުން ނުހިންގުމަށާއި ޑިމޮކްރަސީ ބަލިކަށިވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އިންޑިއާ އިން ގޮވާލައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ކަމެއް ވެސް އުސޫލާ އެއްގޮތަށް ގާނޫނާ އެއްގޮތަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ ކެތްތެރިވުމަށް ގޮވާލާ ކަމަށާއި ގާނޫނު އަސާސީއާ ހިލާފު އަދި ޑިމޮކްރަސީ ބަލިކަށިވާ ފަދަ ފިޔަވަޅެއް ނޭޅުމަށް ގޮވާލާ ކަމަށެވެ.
" ... އެއްވެސް ހަމަނުޖެހުމަކަށް ނުދިއުމަށް ނުވަތަ ގާނޫނު އަސާސީއާ ހިލާފު އަދި ޑިމޮކްރަސީ ބަލިކަށިވާ ފަދަ ފިޔަވަޅެއް ނޭޅުމަށް އަހަރެމެން ގޮވާލަމެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.
އިންޑިއާ އިން ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށް ވެސް އިންޑިއާގެ ބަޔާނުގައިވެ އެވެ.
ފުލުހުން މިއަދު ރައީސް ނަޝީދު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔައީ އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިއަދު އެމްޑީޕީގެ މެމްބަރުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ.
ނަޝީދުގެ މައްޗަށް ޝަރީއަތް ކުރަނީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރި މައްސަލައާ ގުޅިގެންނެވެ.